އިދިކޮޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކޮށް ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދޭން އެދެފިއެވެ.

އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ލީޑާޝިޕުން ރައީސް ސޯލިހާ ބައްދަލުކުރައްވަން އެދިވަޑައިގަތުމުން އެމަނިކުފާނާ މިއަދު ބައްދަލުކުރައްވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ލީޑާޝިޕުން ކަނޑައެޅި ފަރާތްތަކަކުން ދިޔައީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރަން. ރައީސް ޔާމީން އެންމެ ކުޑަމިނުން ގެއަށް ބަދަލުކުރުމުގެ ފުރުސަތު ހޯއްދަވައިދެއްވާތޯ. އަޅުގަނޑުމެން ހަމައެކަނި ދެއްކެވި ވާހަކައަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެކޭ އިދިކޮޅު ލީޑަރު ޖަލުގައި ބޭއްވުމަކީ. އެހެންވީމަ އަޅުގަނޑުމެން އެދެމޭ ވަރަށް ބޮޑަށް ރައީސް ޔާމީން ވީހާވެސް އަވަހަކަށް ގެއަށް ބަދަލުކޮށްދެވޭނެ ގޮތެއް ހައްދަވައިދެއްވުމަށް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި އިތުރު މާގިނަ ކަންތައްތަކެއް ނުދައްކަވާކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، އިދިކޮޅުން ސަރުކާރާއެކު ދައްކަވަން އޮތް ވާހަކައަކީ ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުމުގެ ވާހަކަ އެކަނި ކަމަށެވެ.

އެކަމަށް ރައީސް ދެއްވީ ޖަވާބަކީ "ގާނޫނީ އިމުގެ ތެރެއިން ކޮށްދެއްވެން އޮތް ކަމެއް ކޮށްދެއްވާނެ" ކަން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.