އޭއެފްސީ ކަޕް

ތާރީހީ މެޗުގައި އީގަލްސްއިން ތިމްޕޫ ބަލިކޮށްފި

ކްލަބު އީގަލްސްގެ ތާރީހުގައި ކުޅުނު އޭއެފްސީ ކަޕްގެ ފުރަތަމަ މެޗުގައި ބޫޓާންގެ ތިމްޕޫ ސިޓީގެ މައްޗަށް ކުރި ހޯދައިފިއެވެ.

މިއަދު ގައުމީ ދަނޑުގައި ކުޅުނު މެޗު އީގަލްސްއިން 2-0ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާ އިރު، އެ މެޗުގައި އީގަލްސްގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި މުހައްމަދު ނާއިމްއެވެ. ޕްރިލިމިނަރީ ކޮލިފިކޭޝަން ފުރަތަމަ ބުރުގެ މޮޅާއެކު އީގަލްސްއިން ދެން ނުކުންނަން ޖެހޭނީ ބަންގުލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

މެޗު ފެށިގެން 10 ވަރަކަށް މިނެޓުވެސް ނުވަނީސް އީގަލްސްއިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ނާއިމް ދިން ބޯޅައަކުން ތިމްޕޫގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުހަށް ހުރި ހަންނަ ހަމަޖެހިލާފައި ބޯޅަ ގޯލަށް ވައްދާލައިގެން ކާމިޔާބުކުރި ގޯލެކެވެ. އެ ގޯލަށްފަހުވެސް އީގަލްސްއިން ރަނގަޅު ޕާސްތަކެއް ޖަހައި ތިމްޕޫގެ ފަހަތަށް ދިޔައީ ބާރުބޮޑު ކުރަމުންނެވެ. އެހެންނަމަވެސް ހާފު ނިންމާލަން ޖެހުނީ އޭގެ ފަހުން ރަނގަޅު ފުރުސަތެއް ތަނަވަސް ނުކުރެވިއެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި އީގަލްސްއަށް ނަތީޖާގެ ފަރަގު ބޮޑުކުރުމަށް ފުރުސަތެއް ލިބި ނާކާމިޔާބު ވެގެން ދިޔައެވެ. ހަންނަ ދިން ބޯޅައަކުން ތިމްޕޫގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ނާއިމް ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. އޭގެ އިރުކޮޅެއް ފަހުން މެޗުގެ 66 ވަނަ މިނެޓުގައިވެސް އުސާމާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އިމްރާން ނާޝިދު (އިންމަ) ފޮނުވާލި ހަމަލާ، ތިމްޕޫގެ ކީޕަރު އެންގަވަންގް ޖަމްޕެލް ވަނީ ދިފާއުކޮށްފައެވެ.

މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، އީގަލްސްއަށް ނަތީޖާ ފުޅާކޮށްދިނީ ނާއިމްގެ ހިތްގައިމު ހިލޭ ޖެހުމަކުންނެވެ. އޭރިއާ ބޭރު އަރިމަތީ ކައިރިން ނާއިމް ފޮނުވާލި ހިލޭ ޖެހުން ވައްދާލީ ސީދާ ގޯލުގެ ކަނަށެވެ.

ކޮވިޑް 19އާ ގުޅިގެން އޭއެފްސީ ކަޕްގެ މެޗުތައް ސެންޓްރަލައިޒް ކޮށްގެން ކުޅެން އޭއެފްސީން ނިންމާފައިވާ އިރު، ރާއްޖެއަކީ މި ރީޖަންގެ މެޗުތައް ކުޅެން ބިޑް ކާމިޔާބުކުރި ގައުމެވެ. ކޮލިފިކޭޝަން މެޗުތައް އެއް ލެގުގެ އުސޫލުން ކުޅެމުން އަންނަ އިރު، ގްރޫޕް ޑީގެ މެޗުތައްވެސް ކުޅެން ނިންމާފައިވަނީ ރާއްޖޭގައެވެ.