ގުޅިފަޅުން ދޫކުރާނީ 700 އަކަފޫޓުގެ 1،200 ގޯތި ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، ގުޅިފަޅުން ގޯތި ދޫކުރާނީ މާލޭގެ ރަށްވެހިންނަށް އެކަނި ކަމަށާއި އެގޮތުން މާލޭގެ ރަށްވެހީންގެ ތެރެއިން ކުދި ބިންތައް އޮތް މީހުންނަށް އެ ބިންތައް ދޫކޮށްލުމަށްފަހު ގުޅިފަޅުން ބިން ލިބުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
"އަޅުގަނޑުމެން މި ދޫކުރަނީ ތަންކޮޅެއް ކުދި ބިންތައް. އެއީ 700 އަކަފޫޓުގެ ބިންތައް" އަސްލަމް ވިދާޅުވިއެވެ.
ގުޅިފަޅަކީ ޕޯޓު ސިޓީއެއްކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ، ގުޅިފަޅުން ގޯތި ދޫކުރަނީ މާލޭގެ ރަށްވެހީންގެ ބޯހިޔާވަހި ކަމަށް ކޮންމެ ވެސް ވަަރެއްގެ ހައްލެއް ގެނެސްދިނުމަށް ކަމަށެވެ.
މާލޭ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ސަރުކާރުން ބުނެއެވެ. ސަރުކާރުގެ އަމާޒަކީ މާލެ އާއި ގުޅިފަޅު ބުރިޖަކުން ގުޅާލުމެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދެއްހާ ހިސާބުގައި ފެށޭނެ ކަމަށް ސަރުކާރުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު