އަންނަ ރޯދަމަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާނީ، ހެނދުނު 10:30 އިން ފެށިގެން މެންދުރުފަހު، 2:00 އަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި، މިއަދުގެ ޖަލްސާއަކީ އަންނަ ރޯދަމަހުގެ ކުރިން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހުގެ ޖަލްސާކަން ފާހަގަ ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ކުރިޔަށް އޮތް ރޯދަ މަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށާނީ ހެދުނު 10:30 ގައި ކަމަށެވެ.

މެންދުރު ނަމާދަށް ވަގުތު ދިނުމަށް ރޯދަމަހު މެންދުރު 12:00 ގައި ހުސް ވަގުތުކޮޅަށް ޖަލްސާ މެދު ކަނޑާލައްވާނެ ކަމަށާއި، އެއްގަޑިއިރުގެ ހުސްވަގުތުކޮޅަކަށްފަހު މެންދުރު ފަހު 1:00 ގައި ޖަލްސާ ފައްޓަވައި ކުރިއަށް ގެންދަވާނީ 2:00 އާ ހަމައަށް ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ކަލަންޑަރުގައި ފާހަގަ ކޮށްފައި ވަނީ، މިމަހުގެ 13 ވަނަ ދުވަސް ކަމަށް ވާ އަންނަ އަންގާރަ ދުވަހެވެ.

ރޯދަމަހު މަޖިލިސް ޖަލްސާތައް އެގޮތަށް ކުރިއަށް ގެންދަން މަޖިލިސް ގަވާއިދުގައި ކަނޑައެޅި ނަމަވެސް، މަޖިލިސް ރައީސް ވިދާޅުވީ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް އެކި ގަޑިތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.