ސިއްހީ ކުއްލި ނުރައްކަލެއް އަދި ކޮވިޑް-19 ފަދަ އެހެން ކާރިސާއަކަށް ތައްޔާރުވުމުގެ ގޮތުން، ދާއިމީ ކަރަންޓީނު ފެސިލިޓީތައް ގާއިމު ކުރުމާއި، މިހާރު ރާއްޖޭގެ އެކި ހިސާބުގައި ގާއިމު ކޮށްފައިވާ ކޮވިޑް ފެސިލިޓީތައް ކުރިމަގުގައިވެސް ބޭނުން ކުރެވޭނެހެން ބައްޓަންކޮށް ދެމެހެއްޓޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުން އަންނަ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބެއްގަ އެވެ.
މިނިސްޓަރު ނަސީމް ވިދާޅުވީ ރައްޔިތުންނާއި ގާތުން ސިއްހީ ހިދުމަތްދީ، ސިއްހީ ރައްކާތެރިކަން ދުރާލައި ކަށަވަރު ކުރުމުގެ ތެރެއިން މިހާރާއި ކުރިމަގުގެ ޖީލުތަކުގެ ސިއްހީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް، ޕްރައިމަރީ ހެލްތުކެއާގެ އާ މަޝްރޫއެއް މުޅި ގައުމުގައި ފަށާނެ ކަމަށެވެ.
ޕްރައިމަރީ ހެލްތުކެއާގެ ވިސްނުމަކީ، ހެލްތު ކެއާ ވޯކަރުން ކުރީ ސަފުގައި ތިބެގެން އަދި އެހެނިހެން ހެލްތު ޕްރޮފެޝަނަލުންގެވެސް ދައުރު ފުޅާކޮށް ޓީމެއްގެ ގޮތުގައި، ރަށުފެންވަރުގައި، ރައްޔިތުންނާއި ގާތުން ހިދުމަތްތައް ފޯރުކޮށްދީ، ބަލިވުމުން ސިއްހީ މަރުކަޒަށް ދިޔުމުން ފަރުވާ ދިނުމަށްވުރެ، ބަލިތަކުން ރައްކާތެރިވުމަށް ދުރާލައި މަސައްކަތް ކޮށް، ރައްޔިތުންގެ ޖިސްމާނީ، ނަފުސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުން ކަމަށް ވިދާޅުވި އެވެ.
ނަސީމް ވިދާޅުވީ ވެކްސިން ޕްރޮގްރާމް އިތުރަށް ހަރުދަނާ ކޮށް ކޮރޯނާ ވައިރަސް އާއި އަދި މިނޫންވެސް ގައުމީ ވެކްސިން ޕަރޮގްރާމްގެ ތެރެއިން ދެވޭ ވެކްސިންތައް ކަށަވަރު ކުރެވިގެންދާނެ ކަމަށެވެ. އަދި ސިއްހީ ކުއްލި ނުރައްކަލެއް އަދި މިފަދަ އެހެން ކާރިސާއަކަށް ތައްޔާރުވުމުގެ ގޮތުން، ދާއިމީ ކަރަންޓީނު ފެސިލިޓީތައް ގާއިމު ކުރުމާއި، މިހާރު ރާއްޖޭގެ އެކި ހިސާބުގައި ގާއިމު ކޮށްފައިވާ ކޮވިޑް ފެސިލިޓީތައް ކުރިމަގުގައިވެސް ބޭނުން ކުރެވޭނެހެން ބައްޓަންކޮށް ދެމެހެއްޓޭނެ ކަމަށެވެ.
މީގެ އިތުރުންވެސް ކޮވިޑް އިޖާބައިގެ ތެރެއިން އަދި ކޮވިޑް ވެކްސިން ޕްރޮގްރާމުގެ ތެރެއިން އެއްކޮށްފައިވާ ޒާތީ ސިއްހީ މައުލޫމާތުތައް ޑިޖިޓަލް ޑޭޓާބޭސްތަކުގަ އާއި މިފަދަ އެހެނިހެން ޕްލެޓްފޯމްތަކުގައި ރައްކާތެރިކަމާއިއެކު ބަލަހައްޓައި، މި މައުލޫމާތުތަކުގެ އަލީގައި ރައްޔިތުންނަށް ދެވޭ ސިއްހީ ހިދުމަތްތައް އިތުރަށް ތަރައްގީ ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އުއްމީދަކީ މިއަހަރު ނިމުމުގެ ކުރިން ދިވެހި ކޮންމެ ރައްޔިތެއްގެ ފުރިހަމަ ސިއްހީ މައުލޫމާތުގެ ރެކޯޑެއް ގަވާއިދުން އަދާހަމަ ކުރެވޭނެ ނިޒާމެއްގެ ތެރެއިން އެއްކޮށް ބެލެހެއްޓުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން މިހާތަނަށް މި ވިސްނުމުގައި ސިއްހީ ހިދުމަތުގެ ނިޒާމުތަކަށް ގެނެސްފައިވާ ބަދަލުތަކަށް އަދި ވަކިން ހާއްސަކޮށް އަތޮޅުތެރެއަށް އަމާޒުކުރެވިގެން ރޭވިފައިވާ ސިއްހީ ފަރުވާގެ ބޮޑެތި މަޝްރޫއުތަކަކީ، މިހާތަނަށް ރާއްޖެ މި ދާއިރާގައި ދެކެފައި ނުވާފަދަ އިންގިލާބީ ކުރިއެރުންތައް ގެނުވައިދޭނޭ ކަންކަން ކަމަށްވެސް މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.
"ގުދުރަތީ ގޮތުން ދިވެހިރާއްޖެ އުފެދިފައިވާ ގޮތަށް ބަލާ އިރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެންވަރު ރަނގަޅު ހިދުމަތް ދިނުމަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ. އެއީ ހަރަދުބޮޑު އުނދަގޫ ކަންކަން ކަމުގައިވީނަމަވެސް ސަރުކާރުގެ އަމާޒަކީ މާލެއާ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބެންހުރި ސިއްހީ ހިދުމަތްތަކުގެ ތަފާތުތަށް ވަރަށް ބޮޑަށް ކުޑަކޮށް ސިއްހީ ފަރުވާއަށް މާލެއަށް ބަރޯސާ ވާން ޖެހޭ މިންވަރު ވަރަށްބޮޑަށް ދަށްކުރުން. ސިއްހީ ހިދުމަތުގައި ހަމަހަމަކަން ގާއިމުކުރުން. މާތް ﷲ ގެ އިރާދަފުޅާއިއެކު މިކަން މިހާރުދަނީ ހަލުއި ދުވެއްޔެއްގައި ކުރިއަށް." އޭނާ ވިދާލުވި އެވެ.
އެގޮތުން އެންމެ އުއްމީދީ ބަދަލުތަކުގެ ގޮތުގައި ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި، އަތޮޅުތެރޭގެ ސަރަހައްދީ ފަސް ހަސްފަތާލުގެ "އޮޕްޓިމައިޒޭޝަން" މަޝްރޫއުގެދަށުން، މުޅިން އަލަށް ފަށާ ހާއްސަ ފަރުވާގެ ހިދުމަތްތަކާއި، ތަހުލީލުކުރުމުގެ ޒަމާނީ ވަސީލަތްތައް ގާއިމުކުރާނެ ކަމަށް ނަސީމް ވިދާޅުވި އެވެ. އަދި އިންސާނީ ވަސީލަތްތައް އިތުރުކުރެވިގެންދާނެ އިމަޖެންސީ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން، އިތުރު 26 ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދީ މުޅި ރާއްޖޭގައި އިމަޖެންސީ އަވަސް ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރެވި މިކަމުގެ ފަންނީ ހިދުމަތްތެރިން ތަމުރީނު ކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ބާރަ ރަށެއްގެ ސިއްހީ މަރުކަޒުތައް އިތުރު ހިދުމަތްތަކާ ވަސީލަތްތަކާއެކު، ހަސްފަތާލުގެ ފެންވަރަށް ތަރައްގީ ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ. މީގެ އިތުރުންވެސް ހެލްތު ސެންޓަރުތަކާ ހަސްފަތާލުތަކުގެ އާބާތުރަފިލުވައި އުމުރާނީ ތަރައްގީތައް ގެނެވޭނެ ކަމަށާއި ކެންސަރަށް ފަރުވާދެވޭ ފުރިހަމަ ގައުމީ މަރުކަޒެއް ފުރަތަމަ ފަހަރަށް ގާއިމު ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު ނަސީމް ވިދާޅުވީ ސިއްހީ ހިދުމަތްތައް ތަރައްގީ ކުރުމުގައި، ރާއްޖޭގެ ހާރިޖީ ގުޅުންތަކުގެ ތެރެއިން އެކުވެރި ގައުމުތަކާއި ދެމެދު އޮންނަ ގުޅުންތައް އަދި ބައިނަލް އަގްވާމީ ސިއްހީ އިދާރާތަކާއިއެކު އޮންނަ ގުޅުންތައް އިތުރަށް ބަދަހި ކުރެވިފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު