އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު، އިންސާފުވެރި ކަމާއި ހަމަހަމަ ކަމާއެކު ބާއްވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަކީ ކައުންސިލް އިންތިހާބުގެ ކުރިން ބާއްވާ އެންމެ ފަހުގެ މަޖިލިސް ޖަލްސާކަން ފާހަގަ ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން އަންގަންޖެހޭ އެންގުމެއްގެ ގޮތުގައި ވާހަކަ ދައްކަވަމުންނެވެ.

އިންތިހާބުގެ ކަންކަން ކުރިއަށްދާނީ އެމަގުން ކަމަށް ޔަގީން ކުރައްވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު އިލެކްޝަންސް ކޮމިޝަނަށާއި އެތަނުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް އިލްތިމާސް ދަންނަވަން ބޭނުން އިންސާފުވެރި ހަމަހަމަ އިންތިހާބެއް ބާއްވައިދެއްވުމަށް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އިންތިހާބުގެ ވޯޓު ލުމުގެ މަސައްކަތާއި، ވޯޓު އިއުލާން ކުރުމުގެ މަސައްކަތ، ދެފުށް ފެންނަ ގޮތަށް ގާނޫނާއި ގަވާއިދުގެމަތިން ކުރިއަށްދާ މަސައްކަތްތަކަށް ވާން ޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ވޯޓު ލުމުގެ މަސައްކަތް ވެސް އަދި ވޯޓު އިއުލާން ކުރުމުގެ މަސައްކަތްވެސް މި އެންމެހައި ކަންކަމަކީ ދެފުށް ފެންނަ ސީދާ ގާނޫނާއި ގަވާއިދުގައިވާ ގޮތުގެމަތިން އިންތިހާބުގެ މަސައްކަތްތަކަށްވާން ޖެހޭނެ އެކަމާމެދު ޝައްކެއްވެސް ނުކުރަން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.