ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން "މުސާރަ ހަލާލުވާ" ވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކައަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރައްދުދެއްވައި މެންބަރުންގެ ދިފާއުގައި ވާހަކަ ދައްކަވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ ވެބްސައިޓު ބަލައިގެން އޭގައި ހުންނަ މައުލޫމާތަށް ބަލައި މެންބަރުންނަކީ މަސައްކަތް ނުކުރައްވާ ބައެއްގެ ގޮތުގައި ލިސްޓުކުރަން ނުޖެހޭ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ސައިޓަށް ވަދެވަޑައިގެން ކޮންމެ އިއްޒަތްތެރި މެންބަރެއްގެ ނަންފުޅަށް ފިއްތަވާލެއްވީމަ ފެނިވަޑައިގަންނަވާނެ އެ މެންބަރުން ހުށަހެޅުއްވި ބިލާއި ކުއްލި މައްސަލައާއި ގަރާރާ. އެ ފެނިވަޑައިނުގަތުމަކީ އެ މެންބަރަކު މަސައްކަތް ނުކުރައްވާ ކަމަށް ލިސްޓުކޮށްގެން ނެރުއްވަންޖެހޭ ކަމެއް ނޫނޭ،" މިއަދުގެ ޖަލްސާގެ ފުރަަތަމަ ހުސްވަގުތުކޮޅަށް ދިއުމުގެ ކުރިން އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ މިހާރުގެ ނިޒާމު ހަމަޖެހިފައި އޮންނަ ގޮތުން ގިނަ ބިލުތަކަކީ ސަރުކާރުން ހުށަހަޅުއްވާ ބިލުތައް ކަމަށެވެ. އަދި މަޖިލީހުގެ މި ދައުރަށް އަދި ވީ އެއް އަހަރާ ކުޑަ ދުވަސްކޮޅެއް ކަމަށާއި އެހެންކަމުން ހުރިހާ މެންބަރުންނަށް ބިލު ހުށަނޭޅި ހުރުމަކީ އެ މެންބަރުންގެ މަސައްކަތް ނުކުރައްވާ ކަމަށް އާންމުން ރައްޔިތުންގެ މެދުގައި ވާހަކަ ދެކެވެންޖެހޭ ސަބަބެއް ނޫން ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަކީ ހަމައެކަނި ބިލު ހުށަހެޅުއްވުމެއް ނޫން. އަދި ގަރާރު ހުށަހެޅުއްވުމެއް ވެސް ނޫން. މަޖިލީހުގެ މައިގަނޑު މަސައްކަތްތައް މިކުރަނީ މަޖިލީހުގެ ކޮމިޓީތަކުގައި،" އޭނާ ވިދާޅުވިއެވެ.
ޖަލްސާގަ އާއި ކޮމެޓީތަކުގައި މެންބަރުން ކުރައްވާ މަސައްކަތްތަކަށް ނުބަލާ އެގޮތަށް ވާހަކަތައް ފަތުރަނީ މެންބަރުންގެ އަގުވައްޓާލަންކަމަށް ގަބޫލުކުރައްވާ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
މަޖިލީހުގެ ބައެއް މެންބަރުން މަސައްކަތްނުކުރާ ކަމަށްބުނެ ސޯޝަލްމީޑިއާގައި ވާހަކަތައް ފެތުރެން ފެށުމާއެކު މަޖިލިސް އިދާރާއިންވެސްވަނީ މެންބަރުންގެ ދިފާއުގައި ބަޔާނެއް ނެރެފަ އެވެ.
އާއިޝަތު މާހާ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް