ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރުމަށް ބާއްވާ ޖަލްސާގެ ރިޔާސަތު މަޖިލިހުގެ ދ. މީދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ސިޔާމް ބަލަހައްޓަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ވިހިވަނަ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މެންބަރުން ހުވާ ކުރެއްވުން އޮންނާނީ މިއަންނަ އަންގާރަ ދުވަހުގެ ހެނދުނު 9:00 ޖަހާއިރުއެވެ. އިންތިހާބީ މެންބަރުން ހުވާ ކުރައްވާ އެ ޖަލްސާގައި މަޖިލީހުގެ

ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރުން ވެސް ކުރިއަށް ގެންދާނެއެވެ. ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރުން އޮންނާނީ ހެނދުނު 10:15 ގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރެވެން ދެން ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާނީ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބަވާ މެމްބަރުންގެ ތެރެއިން މަޖިލީހުގެ މެމްބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރެވެ. 20 ވަނަ މަޖިލީހަށް މަޖިލިހަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން އެންމެ ދުވަސްވީ މެންބަރަކީ ސިޔާމެވެ.

މިއީ ސިޔާމް މަޖިލިސްއަށް އިންތިހާބުވެވަޑައިގެންނެވި ފަސްވަނަ ފަހަރެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައިވަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށެވެ. ޕީއެންސީއަށް ނިސްބަތްވާ 79 މެންބަރުން ތިއްބެވި އިރު އެއީ މަޖިލީހުގެ ސުޕަމެޖޯރިޓީއެވެ.

މަޖިލީހުގެ ރައީސަކަށް ޕީއެންސީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުﷲ އަބްދުއްރަހީމް އަދި މަޖިލީހުގެ ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ނާޒިމުގެ ނަން ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހުށަހަޅުއްވައިފައެވެ.