ގުޅިފަޅަށް ޕޯޓު ބަދަލުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ހަވަރު ބެރު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ، މި ސަރުކާރުން މާލޭގައި ކޮންކްރީޓްގެ މާ ބޮޑު ތަރައްގީއެއް އަދި ނުގެނައި ނަމަވެސް މާލެ ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލު ކުރުމަކީ ކުރަމުން އަންނަ މުހިންމު މަސައްކަތެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރު ތޮއްޖެހިފައިވާ ކަމަށާއި ބޯޓުތަކުން މުދާ ބޭލުން ލަސްވުމުގެ ސަބަބުން މުދަލުގެ އަގު އުފުލޭ ކަމަށެވެ.

"އަޅުގަނޑުމެން މިބަލަނީ އިރާދަކުރެއްވިއްޔާ މިއަހަރު ފެށޭނެ ޕޯޓު ބަދަލު ކުރުމުގެ މަސައްކަތް. އެއީ ވަރަށް ބޮޑު އަދަދެއްގެ އިންވެސްޓްމަންޓްތަކެއް. އޭގެ ފައިދާ މުޅި ރާއްޖެއަށް ކުރާނެ." މިނިސްޓަރު ވިދާޅުވިއެވެ.

ގުޅިފަޅަށް ޕޯޓު ބަދަލު ކުރެވުމުން މާލީ ގޮތުން އެތައް ފައިދާއެއް ވިޔަފާރިތަކަށް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މާލެއަށް ވުރެ އަގުހެޔޮކޮށް ގުދަން ކުރުމުގެ ފުރުސަތު ގުޅިފަޅުން ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ގުޅިފަޅުގައި ގާއިމު ކުރެވޭ ޑޮމެސްޓިކް ހާބަރުގެ ސަބަބުން ފަސޭހަކަމާ އެކު މުދާ އަރުވައި ބޭލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ މާލެއާއި ގުޅިފަޅު ބުރިޖަކުން ގުޅުވައިލުމެވެ. އެ މަސައްކަތުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދެއްހައި ހިސާބުގައި ފަށާނެ ކަމަށް ސަރުކާރުން ބުނެއެވެ.