ރާއްޖޭގައި ދެމުން އަންނަ ކޮވިޑް 19ގެ ވެކްސިންގެ ބާވަތްތަކުގެ ފުރަތަމަ ޑޯޒް ރާއްޖެއިން ބޭރުގައި ޖަހާފައިވާނަމަ ރާއްޖޭގައި ދެވަނަ ޑޯޒް ޖަހައިދޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން މިރޭ ކުރި ޓުވީޓެއްގައި ބުނީ، ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރާއްޖެއިން ބޭރުން ކޮވިޝީލްޑް، ސައިނޯފާމް އަދި ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ދެވަނަ ޑޯޒް ރާއްޖޭގައި ޖެހުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ.
އެގޮތުން ރާއްޖެއިން ދެވަނަ ޑޯޒް ޖަހަން ބޭނުންވާ މީހުން ވެކްސިން ޖެހިކަމުގެ ލިޔުމާއި އައިޑީ ކާޑު ނުވަތަ ޕާސްޕޯޓު ކޮޕީއެއް [email protected] އަށް ފޮނުވުމަށް އެޗްޕީއޭއިން އެދެއެވެ. އަދި އީމެއިލްގައި ނަމާއި އައިޑީ ކާޑު ނަންބަރާއި ޕާސްޕޯޓު ނަންބަރާއި ގުޅޭނެ ނަންބަރަކާއި ޖެހި ވެކްސިންގެ ބާވަތް އަދި ވެކްސިން ޖެހި ތާރީހު ހިމަނަންވާނެ ކަމަށްވެސް ބުންޏެވެ.
ރާއްޖޭގައި ދެވަނަ ޑޯޒް ދޭން އަދި ފަށާފައިވަނީ ކޮވިޝީލްޑް ވެކްސިންގެ އެކަންޏެވެ. ކޮވިޝީލްޑް ވެކްސިން ދޭން ފެށީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. ދެވަނަ ޑޯޒް ދޭން ފެށީ މިމަހުގެ ތިންވަނަ ދުވަހުއެވެ.
ރާއްޖޭގައި އަންނަނީ ޗައިނާގެ ސައިނޯފާމް ވެކްސިންވެސް ދެމުންނެވެ. ސައިނޯފާމް ވެކްސިން ޖަހަން ފެށީ މާޗް 22 ގައެވެ. އަދި ފައިޒާ ވެކްސިން ޖަހަން ރަޖިސްޓްރީވުމަށް މިމަހުގެ އެއްވަނަ ދުވަހު ވަނީ ހުޅުވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު