މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައިގައި އޭނާގެ މައްޗަށް ހެއްކެއް ހޯދިފައިނުވާތީ، ފުލުހުން އެ މައްސަލަ ނުބަލަން ނިންމައި، ފައިލްކޮށްފިއެވެ.
އޮކްޓޯބަރު 15، 2019 ގައި ޝަޒައިލް ސަސްޕެންޑްކުރީ ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅަން ރައީސް އޮފީހުން އާއްމުކޮށްފައިވާ ޕޯޓަލްއަށް ލިބުނު ޝަކުވާތަކަކާ ގުޅިގެންނެވެ. އެ މައްސަލަތައް ސީރިއަސް ކަމަށް ބެލެވިގެން ތަހުގީގީ އިދާރާތަކުން ތަހުގީގުކޮށް ނިމެންދެން އޭނާ ސަސްޕެންޑްކުރީ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ޝަޒައިލަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައެއް ތަހުގީގު ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ވަން" އަށް ވިދާޅުވީ ޝަޒައިލަށް ކުރާ މަނީ ލޯންޑަރިންގެ މައްސަލައިގައި އޭނާގެ މައްޗަށް އެއްވެސް ހެއްކެއް ހޯދިފައިނުވާތީ އެ މައްސަލަ މިހާރު ފައިލްކޮށްފައިވާ ކަމަށެވެ.
އެ ތުހުމަތުތަކާ ގުޅިގެން ޝަޒައިލް މީގެ ކުރިން ވިދާޅުވީ އޭނާގެ މައްޗަށް ކުރެވުނު ކަރަޕްޝަންގެ ތުހުމަތު ސާބިތު ނުވުމުން ސިޔާސީ ތުހުމަތެއްގެ ގޮތަށް މަނީ ލޯންޑަރިންގެ ތުހުމަތެއް ބޮލުގައި އެޅުވުމަކީ ތާކުންތާކު ނުޖެހޭ އަދި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އާއިލީ ވިޔަފާރި ދެމިއޮންނަތާ ގަރުނެއް ވެއްޖެ ކަމަށާއި ވަކިބައެއްގެ ސިޔާސީ މަންފާއަކަށް އަބުރު ކަތިލަން ކުރެވުނު ތުހުމަތުތަކާ ސާބިތުކަމާއެކު ކުރިމަތިލާ ކަމަށްވެސް ވިދާޅުވިއެވެ.
އޭސީސީގެ މީޑިއާ އޮފިޝަލު ހަސަން މަނިކު ވިދާޅުވީ ޝަޒައިލްގެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ފާހަގަވި އިތުރު ތިން މައްސަލައެއް އޭސީސީން ބަލަމުން އަންނަ ކަމަށެވެ. އެއީ އެތަނުގެ މުވައްޒަފެއްގެ އެކައުންޓަށް ޝައްކުކުރެވޭ ފައިސާތަކެއް ވަދެފައިވާ ކަމަށް ބެލެވޭ މައްސަލައަކާއި މުވައްޒަފެއް ވަޒީފާއަށް ނެގުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އަދި ކުންފުނިން ގެންދިޔަ މަރާމާތުގެ މަސައްކަތެއްގައި ކޮރަޕްޝަންގެ އަމަލެއް ހިންގި ކަމުގެ ތުހުމަތެވެ.