ހުޅުމާލޭގައި ދަނޑުވެރިކަން ކުރަން ދޫކުރި 48 ބިމުގެ ވެރިންނަށް ހާއްސަ ޓްރެއިނިން ސެޝަންތަކެއް ފަށައިފިއެވެ.
ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، އާބަން ފާމިންގެ ގޮތުގައި ހުޅުމާލޭގައި ހުސްކޮށް ދޫކޮށްލައިފައިވާ ބިންތަކުގައި ދަނޑުވެރިކަން ކުރުމަށް ހުޅުވާލި ފުރުސަތުގައި ހޮވާލެވުނު 48 ފަރާތަށް ބިން ހަވާލުކޮށް މަސައްކަތްތަކުގެ އަމަލީ މަސައްކަތް ފެށުމަށް ދެވޭ ހާއްސަ ޓްރޭނިން ސެޝަންތައް މިއަދު ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.
އޮންލައިން ވެބިނާއެއްގެ ގޮތުގައި ބޭއްވި އެ ސެޝަނުގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުރުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނައި އަދި ޔޫއެންޑީޕީގެ ރެސިޑެންޓް ރިޕްރެސެންޓޭޓިވް އަކިކޯ ފުޖީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޖަޕާނުގެ ހިލޭ އެހީގައި ޔޫއެންޑީޕީ އާއި އެޗްޑީސީ ގުޅިގެން ހިންގާ "ކޮމިއުނިޓީ އާބަން ފާމިން" މަޝްރޫއަކީ ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވާމަންޓް ފޯ ޑިވެލޮޕްމަންޓް އޮފް އެމްއެސްއެމްސީ (ސީޑްސް) މަޝްރޫއުގެ ބައެއްގެ ގޮތުގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. އަދި އެ ޕްރޮގްރާމްގެ އެންމެ ބޮޑު އެއް ބޭނުމަކީ، ހުޅުމާލޭގައި ދިރިއުޅޭ އަންހެނުން ބާރުވެރި ކުރުވުމުގެ އިތުރުން، މުޖުތަމައުގައި އުޅޭ މީހުންގެ ތެރެއިން އަޅާލުން އެންމެ ބޮޑަށް ބޭނުންވާ "ވަލްނަރަބަލް" ފަރާތްތަކާއި، ކޮވިޑް-19 ގެ ސަބަބުން މާލީގޮތުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ފަރާތްތަކަށް މި މަޝްރޫއު މެދުވެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގެ މަތިން އެކަށީގެންވާ އާމްދަނީއެއް ހޯދޭނެ މަގު ފަހިކޮށްދިނުން ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
މިއަދު ފެށި ސެޝަންގައި ވާހަކަދައްކަވަމުން އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފު ވިދާޅުވީ، ތަމްރީނު ޕްރޮގްރާމުގެ ސަބަބުން އެ ފަރާތްތަކަށް ގަސް އިންދާ ބެލެހެއްޓުމުގައި ދިމާވާ ދަތިތަކާއި އިތުރު ގިނަ މައުލޫމާތުތަކެއް ދަސްވެ ދަނޑުވެރިކަމުގެ ރޫހު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އާލާވެގެން ދާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ޓްރެއިނިން ޝެޝަނުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަހާ ވަނީ އެ ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ބޭނުންކުރުމަށް އިލްތިމާސް ކުރައްވައިފައެވެ. އަދި އެ މަޝްރޫއަކީ ކާމިޔާބު ނަމޫނާ މަޝްރޫއަކަށް ހެދުމަށް ވެސް މިނިސްޓަރު ވަނީ ގޮވާލައްވައިފައެވެ.
އާބަން ފާމިންގެ ގޮތުގައި ހުޅުމާލޭއިން ދޫކުރަން ކަނޑައަޅާފައިވަނީ 16 ޕްލޮޓެވެ. ކޮންމެ ޕްލޮޓެއް ވެސް ދޫކޮށްފައިވަނީ ތިން މީހުންގެ ގްރޫޕަކަށެވެ. އެ ބިންތަކުން ފުރަތަމަ ތިންމަސް ދުވަހު އެއްވެސް ކުއްޔެއް ނުނަގައި އެކަށީގެންވާ އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު