ރޯގާ ޖެހިގެން ހެލްތު ސެންޓަރަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ތ. ވިލުފުށި މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
އެރަށު ކައުންސިލުގެ ރައީސް ހުސެއިން އަބްދުއްސަލާމް އާދަމް މިރޭ "ވަން" އަށް ވިދާޅުވީ ރޯގާ ޖެހިގެން އެރަށުގެ ހެލްތު ސެންޓަރަށް ދެއްކި މީހަކު ބަލީގެ އަލާމާތްތައް ހުރެގެން މިއަދު ޓެސްޓް ކުރުމުން އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ކޭސްއާ ގުޅިގެން އެރަށް މިއަދު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"ރޯގާ ޖެހިގެން ސެންޓަރަށް ދެއްކީ. ދެން ބޭސް ދީފައި ގެއަށް ފޮނުވާލީ. ދެން އޭނާ މިއަދު ސެންޓަރަށް އެންގީ ކާއެއްޗެހީގައި ރަހަ ނުލާ ވާހަކަ. އެހެންވެ މިއަދު އޭނާގެ ސާމްޕަލް ނަގައި ޓެސްޓުކުރަން ފޮނުވުމުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައި،" އަބްދުއްސަލާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވި މީހާ ހުރި ގެ އެއްކޮށް މޮނީޓަރިންގެ ހާލަތަށް ލެވިފައިވާ ކަމަށެވެ. އަދި މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރެވެމުން އަންނަ ކަަމަށާއި މިރޭ ސާމްޕަލް ނެގުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
އަބްދުއްސަލާމް ވިދާޅުވީ ރަށުގެ ކެފޭތައް ބަންދު ކުރަން މިހާރު އަންގާފައިވާނެ ކަމަށާއި ފިހާރަތަކުގައިވެސް ރައްކާތެރި ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައިވާނެ ކަމަށެވެ. އަދި ޒަރޫރީ ބޭނުންތަކަށް ނޫނީ ބޭރަށް ނުނިކުތުމަށާއި އެންމެންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅުމަށް އިލްތިމާސްކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު