ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވައިފިއެވެ.

ރައީސް ސޯލިހު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނު މިއަދު ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖައްސަވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިތާ އަށް ހަފުތާއަށްވުރެ ގިނަ ދުވަސްވެފައިވާ ނަމަ، ލަސް ނުކުރައްވައި ދެވަނަ ޑޯޒް ޖެހުމަށެވެ.

ރައީސް ވިދާޅުވީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ފަރާތްތަކުން އަވަހަށް ވެކްސިން ޖެހުމަށް އެދޭ ކަމަށެވެ. އެންމެން ގުޅިގެން ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަނެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖައްސަވާފައިވަނީ ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފެށި ދުވަހުއެވެ. އެއީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.

ރާއްޖޭގައި މިހާރު ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފަށާފައިވާ އިރު، އިއްޔެގެ ނިޔަލަށް 3،737 މީހަކު ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖާހަފައިވެއެވެ. އިއްޔެވެސް ވަނީ 2،016 މީހަކު ދެވަނަ ޑޯޒް ޖަހައިފައެވެ.

ރާއްޖޭގައި މިހާރު ފުރަތަމަ ޑޯޒްގެ ގޮތުގައި ޖަހަމުން އަންނަނީ ސިނޯފާމް ވެކްސިނެވެ. އިއްޔެގެ ނިޔަލަށް ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ އަދަދު ވަނީ 246،896 އަށް އަރައިފައެވެ.