ދުނިޔެ

ޕާކިސްތާނުގެ ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ޔޫކޭ ކޮވިޑު ވޭރިއަންޓު ހަލުވިކަމާއެކު ފެތުރެނީ

ޕާކިސްތާނުގެ ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި އިނގިރޭސިވިލާތުން ފެނުނު ކޮވިޑުގެ ވޭރިއަންޓު ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށް އެގައުމުގެ ސިއްހީ އޮފިޝަލުން ބުނެފިއެވެ.

ޕާކިސްތާނުގެ ރަސްމީ އިދާރާތަކުން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެގައުމުގެ ވެރިރަށް އިސްލާމްއާބާދުން މިހާތަނަށް 57،833 މީހަކަށް ކޮވިޑު ޖެހިފައިވާ އިރު، އޭގެ ތެރެއިން 5،792 މީހުންނަކީ ކުޑަކުދިންނެވެ. އަދި އުމުރުން 11 އަހަރާއި 20 އަހަރާ ދެމެދުގެ 5،391 މީހަކަށްވެސް އެ ބަލި ޖެހިފައިވެއެވެ.

ނަމަވެސް ޔޫކޭގެ ކޮވިޑު ވޭރިއަންޓު ފެނުނު ފަހުން ޕާކިސްތާނުގައި ކޮވިޑު ޖެހޭ މިންވަރު ވަނީ އިތުރުވާން ފަށައިފައެވެ. އެގޮތުން ޕާކިސްތާނުން ކުރިމަތިލި ކޮވިޑުގެ ފުރަތަމަ ދެ ރާޅުގައިވެސް ޕޮޒިޓިވް ނުވާ ވަރަށް، މިދިޔަ ދެ މަހު، ކުޑަކުދިންނާއި ޒުވާނުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ތަފާސް ހިސާބުތައް ދައްކައެވެ.

އިސްލާމްއާބާދެކޭ އެއްގޮތަށް ޕުންޖާބުގައިވެސް ކޮވިޑަށް ޕޮޒިޓިވްވާ އަދަދު ވަނީ އިތުރުވާން ފަށައިފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ތިން މަހު އެ ޕްރޮވިންސުން ފެނުނު ކޮވިޑު ކޭސްތަކުގެ ޖުމުލަ އަދަދުގެ 44 ޕަސެންޓަކީ ކުޑަކުދިންނެވެ. އަދި މި ކުދިންގެ ތެރެއިން ބައެއް ކުދިންގެ ފަރާތުން އެއްވެސް އަލާމާތެއް ފެނިފައިނުވާ އިރު، ބައެއް ކުދިން ހޮސްޕިޓަލުތަކުގައި އެޑްމިޓް ކުރަންވެސް ޖެހުނެވެ.

މިކަމާ ގުޅިގެން ޕާކިސްތާނުގެ ހައިބަރު މެޑިކަލް ޔުނިވާސިޓީގެ ރިސާޗަރުން ވަނީ، ޓެސްޓު ކުރުމާއި ވެކްސިން ދިނުން އިތުރުކޮށް، އެގައުމުގެ ކޮވިޑު ސްޓްރެޓަޖީގައި ކުޑަކުދިންނާއި ޒުވާނުން ހިމެނުމަށް ސަރުކާރަށް އިރުޝާދު ދީފައެވެ. އެއީ ދުވަސްވީ މީހުންގެ އާބާދީއަށް ބަލި ފަތުރާ ބަޔަކަށް ކުޑަކުދިން ވުން ގާތްވުމުން ކަމަށް ރިސާޗަރުން ބުނެއެވެ.

ޕާކިސްތާނުގެ ރިސާޗަރުން މިގޮތަށް ސަރުކާރަށް އިރުޝާދު ދީފައިވާ އިރު، އެގައުމުން މިހާރު ދަނީ ކޮވިޑުގެ ތިންވަނަ ރާޅަކާ ކުރިމަތިލަމުންނެވެ. އެއާއެކު ކޮވިޑު ބޮޑަށް ފެތުރޭ ހިސާބުތަކުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފައެވެ.