އެސްޓީއޯގެ ސީއެސްއާރުގެ ދަށުން ރޭޑިއޯގްރަފީ ކޯހެއް ރާއްޖޭގައި ކުރިއަށް ގެންދިއުމަށް އިއުލާންކޮށްފިއެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އާ ހެލްތު މިނިސްޓްރީއާ ގުޅިގެން ކުރިއަށްގެންދާ އެ ކޯސް އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ، އެ ކޯހަކީ، އެކްސްރޭ އާއި ސްކޭން ނެގުމުގެ ދާއިރާގައި ދިވެހިން ތަމްރީންކުރުމަށް ހިންގާ ކޯހެއް ކަމަށެވެ.
އެސްޓީއޯގެ ސީއެސްއާރްގެ ދަށުން ހިންގުމަށް ހަމަޖައްސާފައިވަނީ ރޭޑިއޮލޮޖީގެ ޑިޕޮލޮމާ ފެންވަރުގެ ކޯހެކެވެ. އެ ކޯހަށް އަތޮޅުތެރެއިންނާއި މާލެއިން ދަރިވަރުން ނަގާނެއެވެ.
އަމްރު ވިދާޅުވީ، އެ ކޯސް ކުރިއަށް ގެންދިއުމަށް ސްކިލް ލެބަކާއި ޓްރެއިނިން ފެސިލިޓީއެއް މިހާރު ގާއިމްކޮށްފައިވާ ކަމަށާއި، އަންނަ މަހުގެ ތެރޭގައި ކޯހަށް އިއުލާން ކުރެވޭނެ ކަމަށެވެ.
"މޭ މަހުގައި މި ކޯހަށް އިއުލާން ކުރެވި، 20 ކުދިންނާއި އެކުގައި ކޯސް ފެށިގެންދާނެ" އަމްރު ވިދާޅުވިއެވެ.
މީގެ އިތުރުން އަމްރު ވިދާޅުވީ، އެ ކޯހުގެ ފުރަތަމަ ބެޗުގެ ހުރިހާ ދަރިވަރުންގެ ކޯސް ފީ އެސްޓީއޯގެ ސީއެސްއާރްގެ ދަށުން ހަމަޖެހިގެންދާނެ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ، ރޭޑިއޯގްރަފީގެ ދާއިރާގައި ގިނައިން ހަރަކާތްތެރިވަނީ ބިދޭސީ މުވައްޒަފުން ކަމަށާއި އެހެންކަމުން އެ ދާއިރާއިން ދިވެހިން ތަމްރީން ކުރެވުމުން ދިވެހިންނަށް ލިބޭ ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އުންމީދަކީ އެސްޓީއޯ އާއި ގުޅިގެން އިފްތިތާހު ކުރި ރޭޑިއޯގްރަފީ ކޯހުގެ ތެރެއިން 100 ރޭޑިއޯގްރާފަރުން ތަމްރީން ކުރެވުން ކަމަށެވެ.
ރާއްޖޭގެ ސިއްހީ ދާއިރާގައި ހިދުމަތްކުރާ ރޭޑިއޮލޮޖިސްޓުންގެ 95 އިންސައްތައަކީ ބިދޭސީންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު