އަލަށް އަމަލުކުރަން ފެށި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އުފައްދާ، ޕޮލިސް ބޯޑަށް އާއްމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރު ކަމަށް، ސ. ހުޅުދޫ/ ދެތަނޑިމާގެ، ސަފާ ޝަރީފު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޕޮލިސް ބޯޑަށް ސަފާ އައްޔަނު ކުރަން ފާސް ކުރީ ޖަލްސާގައި ތިއްބެވި 36 މެންބަރުންގެ ތެރެއިން 34 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ޕޮލިސް ބޯޑުގައި އާއްމުންގެ ފަރާތުން ދެ މެންބަރުން ހިމެނެން ޖެހޭއިރު، އޭގެ ތެރެއިން އެއް މެންބަރަކު އެ ބޯޑަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ މީގެ ކުރީން ފާސްކޮށްފައެވެ. އެބޭފުޅަކީ އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލްޣަފޫރެވެ.
ޕޮލިސް ބޯޑަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުން އުފައްދަންޖެހޭ ބޯޑެކެވެ.
ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބުނެފައިވަނީ، ޕޮލިސް ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަން ކުރުމުގައި އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަން ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމަށާއި އެ ގާނޫނުގެ 76 ވަނަ މާއްދާގައި ބަޔާން ކުރާ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި އެ ގާނޫނުގެ ދަށުން ލަފާ ދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި ގާނޫނުގައި ލަފާ ދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާ ދިނުމަށް "ޕޮލިސް ބޯޑު"ގެ ނަމުގައި ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަން ވާނެ ކަމަށެވެ.
އެ ހަތް މެންބަރުންގެ ތެރެއިން ދެ މެންބަރުންނަކީ އާންމުކޮށް ހުޅުވާލައިގެން އާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވާ ދެ މެންބަރުންނަަށް ވާން ވާނެ ކަމަަށް ވެސް ގާނޫނުގައި ބުނެފައިވެއެވެ. އެ ދެ މެންބަރުން އައްޔަން ކުރުމަށް އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު