ޚަބަރު

ކުރިއަށް އޮތްތާނގައި ފުލުހުންނާއި ކައުންސިލްތައް ގުޅިގެން މަސައްކަތްކުރާނެ އޮނިގަނޑުތައް ހަދާނަން: އިމްރާން

ރިފާ ހަލީލު

ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި ފުލުހުންނާއި ކައުންސިލްތައް ގުޅިގެން މަސައްކަތްކުރާނެ އޮނިގަނޑުތައް ހެދޭނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ އދ. އޮމަދޫ ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ އުސޫލުތަކާއި, ގަވާއިދުތަކުގެ ތެރެއިން ލަސްތަކެއް ނުވެ، ފުލުހުންނާއި ކައުންސިލްތައް ގުޅިގެން މަސައްކަތްކުރާނެ އޮނިގަނޑު ހަމަޖެހިގެންދާނެ ކަމަށެވެ. އެމަސައްކަތުގައި އެލްޖީއޭ އާއި, ކައުންސިލްތަކާއި, ފުލުހުންނާ އެކުގައި މަޝްވަރާކޮށް, އުފެދިގެން އަންނަ ގަވާއިދުތަކަކީ ރަށުގެ އަމާން ވެއްޓަކަށް މަގުފަހިކުރުމަށް އެންމެ މުހިއްމު އެއް ކަންތައްކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

ފުލުހުންގެ އާ ގާނޫނަށް އަމަލުކުރަން ފެށުމަކީ ފުލުހުންގެ މުއައްސަސާއަށާއި, ރައްޔިތުންނަށް ލިބިގެންދިޔަ ހިތްހަމަޖެހުމެއް ކަމަށާއި އެއީ ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ވެސް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހިދުމަތް ފުޅާކުރުމަށްޓަކައި އެޅުނު ބިންގަލުގެ މައްޗަށް އަތޮޅުތެރޭގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ވަރަށްބޮޑު އަމާޒެއް ހިފާފައިވާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ވަނީ އަޅުގަނޑުމެންނަށް ވަރަށް ވަރުގަދަ އަމާޒެއް ދެއްވާފަ. ކުރިއަށް މިއޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްކުރުމަކީ ވަރަށްބޮޑު ޒިންމާއެއް, ވަރަށް ބުރަ މަސައްކަތެއް. މިމަސައްކަތް ކުރެވިގެންދާނީ ފުލުހުންގެ އެންމެ އިސް ސަފުން ފެށިގެން ހުރިހާ އޮފިސަރުންގެ އެހީތެރިކަމާއި, އެއްބާރުލުމާ އެކުގައި." އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު އިމްރާން ވިދާޅުވީ އަތޮޅުތެރޭގެ ވެށި އެކުލެވިގެންވަނީ ވަރަށް އަމާން ސުލްހަވެރި ވެއްޓެއްގެ ގޮތުގައި ކަމަށާއި ދާދިފަހުން އަންނަން ފެށި ބައެއް ބަދަލުތަކާއެކު ހާއްސަކޮށް މަސްތުވާތަކެތި ފުޅާދާއިރާއެއްގައި ފެތުރި އެކަމާ ގުޅިގެން އުފެދޭ ކުށްތަކަކީ ރަށްރަށުން ފެނުމަށް ރައްޔިތުން ނޭދޭ އެކަމަކު ކޮންމެވެސް ވަރަކަށް ފެންނަމުންދާ ކަންކަން ކަމަށެވެ. އެކަމުން މުޖުތަމައު ސަލާމަތްކުރުމަށް ފުލުހުން ކުރާ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން މުހިއްމުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ހާއްސަކޮށް މިއަދު ލާމަރުކަޒީ އުސޫލުތައް ހަމަޖެހިގެންދާ ގޮތުން ކައުންސިލްތަކުން ފުލުހުންނަށް ދެވޭ އެއްބާރުލުމަކީ ރަށުގެ ކުށުގެ ވެށި ހަމަޖެހި, އަމާން ސުލްހަވެރި ވެއްޓަކަށް ވުމަށްޓަކައި ވަރަށް މުހިއްމުކަމެއްކަމަށް ވިދާޅުވި އެވެ.