ފުރަތަމަ ފަހަރަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމަށް ތިން އަންހެން ފުލުހުން އައްޔަންކުރައްވައިފިއެވެ.
ފުލުހުން ބުނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކަށް މަގާމުގެ ކުރިއެރުން ލިބިފައިވަނީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސްގެ މަގާމުގައި ތިއްބެވި ތިން އޮފިސަރުން ކަމަށެވެ. އެއީ ފާތިމަތު ނަޝްވާ އާއި މަރިޔަމް އަޒްމާ އަދި އިޒްމިއާ ޒާހިރުއެވެ.
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެއްވި ފާތިމަތު ނަޝްވާ އަކީ އަޕާ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރެވެ. ފުލުހުންގެ ހިދުމަތުގައި 25 އަހަރު ހޭދަކޮށްފައިވާ ނަޝްވާ ވަނީ އެޑްމިން އޮފިސަރެއްގެ މަގާމުން ފެށިގެން ޔުނިޓް ލެވެލްގަ އާއި ޑެޕިއުޓީ ހެޑްގެ މަގާމާއި ހެޑް އޮފް ޑިޕާޓްމަންޓްގެ މަގާމުވެސް ފުރުއްވައިފައެވެ.
ނަޝްވާ ވަނީ މާސް ކޮމިއުނޭކޭޝަންއިން ފަސްޓް ޑިގްރީ ހާސިލުކުރައްވައިފައެވެ. އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން މާސްޓާސް ޑިގްރީވެސް ފުރިހަމަކޮށްފައިވެއެވެ. ނަޝްވާއަށް ވަނީ 2018 ވަނަ އަހަރު ރެހެންދި އެވޯޑު ވެސް ލިބިވަޑައިގެންފައެވެ. އަދި ސައުތު އޭޝިއަން ޕާޓްނާޝިޕް ސަމިޓް އެންޑް ބިޒްނަސްގެ ފަރާތުން ޕަބްލިކް ސެކްޓާ އިން ހޮވި ސީއެސްއާރު ލީޑާޝިޕް އެވޯޑްވެސް ހާސިލުކުރައްވާފައިވާ އިރު، 2018 ވަނަ އަހަރު ވިމެން އޮން ބޯޑް އެވޯޑުވެސް އޭނާއަށް ލިބިވަޑައިގެންފައިވެއެވެ.
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެއްވި އިޒްމިއާ ޒާހިރަކީ އޯގަނައިޒޭޝަނަލް ރީފޯމް ޑިޕާޓްމަންޓުގެ ހެޑްއެވެ. ފުލުހުންގެ ހިދުމަތުގައި 16 އަހަރު ހޭދަކުރައްވާފައިވާ އިޒްމިއާ ފާހަގަކުރެވިފައިވަނީ ފުލުހުންގެ ހިދުމަތުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އަދި އެކަން އަމަލުން ސާބިތުކޮށްދޭން މަސައްކަތްކުރައްވާ އޮފިސަރެއްގެ ގޮތުގައި ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން ފުލުހުންގެ ތެރެއަށް ކޮމިޝަންޑް ކުރެވުނު މަދު އަންހެން އޮފިސަރުންގެ ތެރޭގައި އޭނާ ހިމެނިފައިވާ އިރު، ރާއްޖޭގެ ޑިވިޝަނެއްގައި ފުރަތަމަ ފަހަރަށް ޑިވިޝަން ކޮމާންޑަރުކަން ކުރި އަންހެން އޮފިސަރަކީވެސް އިޒްމިއާ ޒާހިރުއެވެ. އަދި ފުލުހުންގެ ސްޕޯކްސްޕާސަންގެ މަގާމާއި ވިކްޓިމް ސަޕޯޓްގެ ހެޑްގެ މަގާމުވެސް އޭނާ ފުރުއްވާފައިވެއެވެ. އަދި މާސްޓަސް ލެވެލްއަށް ތައުލީމު ހާސިލުކުރައްވާފައިވާ އިރު، ސިންގަޕޫރު ޕޮލިސްއިން ހިންގާ ސީނިއާ އޮފިސާސް ބޭސިކް ކޯސްވެސް އޭނާ ވަނީ ފުރިހަމަކުރައްވައިފައެވެ.
ފުލުހުން ބުނީ އަޒުމާއަކީ ފުލުހުންގެ ހިދުމަތުގައި އެންމެ ދިގު މުއްދަތަކަށް ހިދުމަތްކޮށްދެއްވާފައިވާ އެއް އަންހެން އޮފިސަރު ކަމަށާއި އޭނާ 25 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކޮށްދެއްވާފައިވާ ކަމަށެވެ. އޭނާ މިވަގުތު ހުންނެވީ ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ޑިވިޝަން ކޮމާންޑަރުގެ މަގާމުގައި ކަމަށާއި ފުލުހުންގެ ހިދުމަތުގައި އެންމެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވަނީ އިންވެސްޓިގޭޝަން ދާއިރާގައި ކަމަށްވެސް ބުންޏެވެ.
އޭނާއަކީ ފުލުހުންގެ ފުރަތަމަ އަންހެން ޑްރައިވަރު ކަމަށާއި އަދި ފުރަތަމަ އަންހެން އެޓޯލް ކޮމާންޑަރުކަންވެސް ކުރައްވާފައިވާ ކަމަށެވެ. ހެޑް އޮފް ވިކްޓިމް ސަޕޯޓްގެ މަގާމާއި ފެމެލީ އެންޑް ޖެންޑާ އެފެއާޒް ޑިޕާޓްމަންޓުގެ ހެޑްކަންވެސް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މޯލްޑިވްސް ވިމެން އިން ޕޮލިސިން ނެޓްވޯކްގެ ރައީސްގެ މަގާމަށް އައްޔަންކުރައްވާފައިވާ އޮފިސަރަކީވެސް އަޒުމާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު