ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުން އެ މީހުން އަމިއްލައަށް ވޯޓު ލާން ޖެހޭ ގޮތަށް އިލެކްޝަން ކޮމިޝަނުން އުސޫލަށް ބަދަލު ގެނައިސްފި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅައިގެން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، ކުރިން ހަމަޖައްސާފައި އޮތީ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުން އެހީތެރިއެއް މެދުވެރިކޮށް ވޯޓުލުމަށެވެ.
އެކަމާ ގުޅިގެން އީސީގެ ރައީސް އަހްމަދު ޝަރީފް 'ވަން' އަށް މިއަދު ވިދާޅުވީ، ޕޮޒިޓިވް ވާ މީހުންގެ ފަރާތުން އެހެން މީހަކު ވޯޓުލުމުން އެ މީހާގެ ވޯޓު ސިއްރު ނުވާނެ ކަން ފާހަގަކޮށް އެކަމަކީ ގާނޫނާއި ތައާރުޒުވާ ކަމެއް ކަމަށް ގާނޫނީ ޓީމުން ފާހަގަކޮށްފައިވާތީ އެޑްވައިޒަރީ ކޮމެޓީގައި މަޝްވަރާ ކުރުމަށް ފަހު އުސޫލު ބަދަލުކޮށްފައިވާ ކަމަށެވެ.
އެހެން ކަމުން އެ ނިންމުން ބަދަލު ކުރަން ނިންމާފައިވަނީ ހެލްތު ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) އާއި ކަމާގުޅޭ ހުރިހާ އިދާރާއެއްގެ ލަފާގެ މަތިން ކަން ވެސް ޝަރީފް ފާހަގަކުރެއްވި އެވެ.
"ރަނގަޅަށް އަތް ސެނިޓައިޒް ކުރުމަށްފަހުގައި ރައްކާތެރިކަމުގެ ފިޔަވަޅާ އެކީގައި އެމީހުނަށް އަމިއްލައަށް ވޯޓުލުމުގެ ފުރުސަތު ދޭ ގޮތަށް މިހާރު އުސޫލު ފާސްކޮށްފައި އޮތީ،" ޝަރީފް ވިދާޅުވި އެވެ.
ޕޮޒިޓިވް ވެފައިވާ ފަރާތްތައް ވޯޓުލުމަށް ވަކި ގަޑިއެއް ހަމަޖައްސާނެކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ އެމީހުން އަންނާނީ ސަލާމަތީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅައިގެން ކަމަށެވެ. އަދި ވިދާޅުވީ އެ ވަގުތުގައި އެތަނުގައި ތިބޭ އޮފިޝަލުންގެ އަދަދު ވެސް ތިނަކަށް މަދުކުރާނެ ކަމަށެވެ.
"ޕޮޒިޓިވް ވެފައިވާ މީހަކު ވެސް ރަނގަޅަށް އަތް ސެނިޓައިޒް ކޮށްފައި އެއްޗެއްގައި އަތްލިޔަސް ބަލި ފެތުރުމުގެ ރިސްކް ޕޮސިބިލިޓީއެއް ނޯންނާނެ ކަމަށް އެޗްޕީއޭ އިން ލަފާދީފައިވަނީ،" ޝަރީފް ވިދާޅުވި އެވެ.
ވޯޓު ގުނުމުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަވާނެކަން ފާހަގަކޮށް ޝަރީފު ވިދާޅުވީ، ވޯޓު ގުނާ ފަރާތްތައް ތިބޭނީ އަންގި ލައްވައިގެން ކަމަށާއި އަދި އެ މީހުން އަވަސް އަވަހަށް އަތް ސެނިޓައިޒް ވެސް ކުރާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު