ކުޅިވަރު

ލިވަޕޫލް އާސެނަލް ބަލިކޮށްފި، ސިޓީން ތަށްޓާ ގާތަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން އާސެނަލް ބަލިކުރިއިރު، ލެސްޓާ ސިޓީ ބަލިކޮށް މެންޗެސްޓާ ސިޓީން ލީގު ކާމިޔާބު ކުރުމާ ގާތަށް ޖެހިލައިފިއެވެ.

ސިޓީން ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުން ލެސްޓާ ބަލިކޮށްފައިވާއިރު، ސިޓީ އެއް ވަނައިގައި އޮތީ 31 މެޗުން 74 ޕޮއިންޓާ އެކުއެވެ. ލީގު ކަށަވަރުކުރަން އެޓީމަށް ބާކީ އޮތް ހަތް މެޗުން ބޭނުންވަނީ ހަތަރު މޮޅެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 29 މެޗުން ލިބިފައިވަނީ 57 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ލެސްޓާ އަށް 30 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު, ރޭ އަމިއްލަ ދަނޑުގައި 5-2 އިން ވެސްޓް ބްރޮމް އަތުން ބަލިވި ޗެލްސީ ހަތަރު ވަނައިގައި އޮތީ 30 މެޗުން 51 ޕޮއިންޓާ އެކުއެވެ.

ރޭގެ މޮޅާއެކު ލިވަޕޫލް ފަސް ވަަނައަށް ޖެހިލާފައިވާއިރު، އެޓީމު ވަނީ 30 މެޗުން 49 ޕޮއިންޓް ހޯދައިފައެވެ.

ސިޓީގެ ގޯލްތައް ފާލިން މެންޑީ އާއި ގެބްރިއަލް ޖީސަސް ޖަހައިދިންއިރު، އެ ޓީމަކީ މިވަގުތު މުޅި ޔޫރަޕްގައިވެސް އޮތް އެންމެ ފޯމް ރަނގަޅު ޓީމެވެ. ލީގުގައިވެސް މޮޅަކަށްފަހު މޮޅެއް ހޯދަމުން ސިޓީން އަންނައިރު، އެޓީމަށް އަދިވެސް ހަތަރު ތަށި މި ސީޒަނުގައި އުފުލައިލުމުގެ ފުރުސަތު އެބައޮތެވެ.

ލިވަޕޫލުން ގަދަ ހަތަރެއް ހޯދުމަށް ރޭގެ މެޗުން މޮޅުވާން އޮތީ ގާތްގަނޑަކަށް މަޖުބޫރު ވެފައެވެ. ނިމިދިޔަ އިންޓަނޭޝަނަލް ބްރޭކްގެ ކުރިން އެޓީމުގެ ފޯމް ދަށްކޮށް ފެނިފައިވާއިރު، އެ ނަތީޖާތައް އަނބުރާލުމަށް ބްރޭކް ވެގެން ދިޔައީ ލިވަޕޫލަށް މުހިއްމު ބްރޭކަކަށެވެ.

އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ލިވަޕޫލް ކާމިޔާބު ކޮށްފައިވާއިރު، އެޓީމުން މެޗު ފެށިގެން ފުރަތަމަ ހާފްވެސް ޑޮމިނޭޓް ކުރިއެވެ. އަދި ދެވަނަ ހާފްގެ ފަހު ކޮޅުގައި ފުލުފުލުގައި ތިން ގޯލް ޖަހާފައިވާއިރު، ގޯލްތައް ޖަހައިދިނީ ޑިއޭގޯ ޖޮޓާ އާއި މުހައްމަދު ސަލާހެވެ. ޖޮޓާ ރޭގެ މެޗުގައި ދެ ގޯލް ޖަހާފައިވާއިރު، މިދިޔަ ހަފުތާގައި ގައުމީ ޓީމަށް ކުޅުނު މެޗުތަކުގައިވެސް ޖޮޓާ ފެނުނީ ރަނގަޅު ފޯމެއްގައެވެ.