ޚަބަރު

އެމްޑަބްލިޔުއެސްސީން ދުވާފަރުގައި އައިސް ވިއްކާ އަގު ހެޔޮކޮށްފި

އެމްޑަބްލިޔުއެސްސީން ރ. ދުވާފަރުގައި ގާއިމުކޮށްފައިވާ އައިސް ޕްލާންޓުން ވިއްކާ އައިސްގެ އަގު ހެޔޮކޮށްފިއެވެ.

އެމްޑަބްލިޔުއެސްސީން އައިސް ވިއްކާ އަގަށް ގެނައި ހެޔޮ ބަދާލާއެކު، ޖީއެސްޓީ އާއެކު މިހާރު އައިސް ޓަނެއް ވިއްކާ އަގަކީ 1،050 ރުފިޔާ އެވެ. ކުރިން އައިސް ޓަނެއް، ޖީއެސްޓީ އާއެކު ވިއްކަމުން އައީ 1،275 ރުފިޔާއަށެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، އެ ކުންފުނިން އައިސް ވިއްކާ އަގު ހެޔޮކުރީ ދުވާފަރާއި އަދި އެ ސަރަހައްދުގެ މަސްވެރިންގެ ބޭނުންތަކާއި ކަންބޮޑުވުންތަކަށް ރިއާޔަތް ކޮށް، އާއްމުކޮށް ހުރިހާ ފަރާތްތަކަށް އަދި ވަކިން ހާއްސަކޮށް މަސްވެރިންނަށް ވީހާވެސް ހެޔޮ އަގެއްގައި ލުއި ފަސޭހަ ކަމާއެކު އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ކަމަށެވެ.

އެމްޑަބްލިޔުއެސްސީން އަންނަނީ ދުވާފަރުގައި އައިސް ޕުލާންޓެއް ގާއިމުކޮށް، 2013 ވަނަ އަހަރުން ފެށިގެން އައިސް ފޯރުކޮށްދިނުމުގެ ހިދުމަތް ދެމުންނެވެ.

އެ ކުންފުނިން ބުނީ، މިއީ މަސްވެރިކަމާއި އަދި އެހެނިހެން ވިޔަފާރިތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ހިދުމަތަކަށް ވުމާއެކު، އެ ހިދުމަތް ފޯރުކޮށްދެމުން އަންނަނީ ވިޔަފާރިއަކަށް ވުރެ ބޮޑަށް އާންމު ހިދުމަތެއްގެ ގޮތުގައި ދެކިގެން ކަމަށެވެ. އަދި މަސްވެރިކަމަކީ އެތައް ދިވެހީންނެއްގެ ދިރިއުޅުމާ ގުޅިފައިވާ މަސައްކަތަކަށް ވެފައި، އިގުތިސޯދަށް އެހާމެ ފައިދާ ކުރަނިވި މަސައްކަތެއް ކަމުން، އެ ހިދުމަތުގެ ޒަރީއާއިން މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ހިއްސާ ކުރެވުމަކީ އުފަލާއެކު ފާހަގަ ކުރާ ކަމެއް ކަމަށް ބުންޏެވެ.

އެމްޑަބްލިޔުއެސްސީން އަންނަނީ މަސްދޯނިތަކުގެ އޯޑަރަށް ދުވާފަރު އައިސް ޕްލާންޓުން ދުވާފަރު ބަނދަރު ސަރަހައްދަށް، އައިސް ގެންގޮސްދިނުމުގެ ހިދުމަތް ވެސް ފޯރުކޮށްދެމުންނެވެ.

އެގޮތުން ރަސްމީ ކޮންމެ ދުވަހެއްގެ ހެދުނު 8:00 އާއި ރޭގަނޑު 22:00 އާ ދެމެދު ދުވާފަރު ކަސްޓަމާ ސާވިސް މެދުވެރިކޮށް އައިސް އަށް އޯޑަރު ކުރެވޭނެއެވެ. އަދި އެމްޑަބްލިޔުއެސްސީ ގޮސް ހޮޓްލައިން ނަންބަރު 7999151 އަށް ގުޅައްވައިގެން ވެސް އައިސް އަށް އޯޑަރު ކުރެވޭނެއެވެ.