އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ ދާއިމީ ލިސްޓު އިއުލާނު ކޮށްފި އެވެ.

އެ ލިސްޓު ވަނީ ސަރުކާރުގެ ގެޒެޓާއި އިލެކްޝަން ކޮމިޝަނުގެ ވެބްސައިޓުގައި މިހާރު އާންމު ކޮށްފައެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު އާންމު ކުރި ލިސްޓުގައި ވޯޓުލުމުގެ ހައްގު ލިބޭ 273،128 މީހުން ވަނީ ހިމަނައިފައެވެ. އޭގެ ތެރެއިން އަށާރަ އަހަރު ފުރި އަލަށް ވޯޓު ލެވޭ މީހުންގެ އަދަދަކީ 5134 އެވެ.

މިދިޔަ އަހަރުުގެ އޭޕްރީލް މަހު ހަތަރެއްގައި ކައުންސިލް އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ބުނެފައިވީ ނަމަވެސް، ކޮވިޑް-19އާ ގުޅިގެން އެކި ފަހަރު މަތީން އިންތިހާބު ފަސްކުރަމުން ގޮސް، އެންމެ ފަހުން މަޖިލީހުން ފާސްކުރި ސަންސެޓް ގާނޫނަކުން، މި މަހުގެ 10 ގައި އިންތިހާބު ބާއްވަން މިހާރު ވަނީ ކަނޑައަޅައިފައެވެ.

ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން، ކައުންސިލް އިންތިހާބު ބޭއްވުމަށް ހާއްސަ ގައިޑްލައިނެއް ވަނީ އެކުލަވާލައިފަ އެވެ. އެގޮތުން ޕޮޒިޓިވްވާ ފަރާތްތަކަށް ވެސް ވޯޓުލުމުގެ ފުރުސަތު ދީފައިވާއިރު، އެ ފަރާތްތަކަށް ވޯޓު ކަރުދާހުގައި އަތްލުމުގެ ފުރުސަތެއް ނުދޭނެއެވެ. އެ ފަރާތްތަކުން ވޯޓުލުމަށް އިތުރު މީހަކު ގެންދާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.