މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން މިސްކިތްތަކުގައި ކައިރިކައިރީގައި ސަފު ހަދައިގެން ނަމާދުކުރަން ހުއްދަ ދީފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް 19އާ ގުޅިގެން މިސްކިތްތަކުގައި ގައިދުރުކަމާއެކު ނަމާދުކުރަން ނިންމާފައިވާ ނިންމުން މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

ކޮވިޑުގެ ކޭސްތައް އިތުރުވުމާ ގުޅިގެން މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަނީ މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ގައިދުރުކަމާއެކު ޖަމާއަތް ހަދަން ފަށައިފައެވެ. އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި އެގޮތަށް ނިންމާފައިވަނީ ފަތުވާ މަޖިލީހާއި ދީނީ އިލްމުވެރިންނާ މަޝްވަރާކުރުމަށް ފަހުގައެވެ.

މިސްކިތްތަކުގައި ގައިދުރުކޮށް ނަމާދުކުރަން އޭރު ނިންމުމާ ގުޅިގެން ބައެއް ދީނީ އިލްމުވެރިން އެކަމާ ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެއެވެ.

ކޮވިޑާ ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ފަހު އިއްޔެ ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. އޭގެ ތެރޭގައި ކާފިއު އުވާލުމާއި ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއް ދީފައިވެއެވެ.