ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވުމުގެ ކުރިން އަލުން ފިޔަވަޅުތައް ހަރުކަށިކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.

މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި އެކަމަށް ގޮވާލައްވާފައިވާ އިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ވަނީ ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީފައެވެ.

އެޗްޕީއޭ އިން އިއްޔެ ލުއިތައް ދިން ނަމަވެސް، ފާއިތުވެދިޔަ ދެ ދުވަހުގެ ތެރޭ ރާއްޖެއިން ވަނީ ރެކޯޑު އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެގޮތުން މިދިޔަ ބުދަ ދުވަހު 241 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު، އިއްޔެ 300 މީހަކު ޕޮޒިޓިވްވިއެވެ.

މައުމޫން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ކޮވިޑުގެ އަދަދުތައް މައްޗަށް ގޮސް، ހާލަތު ގޯސް ކަމަށާއި ވަގުތު ފާއިތުވުމުގެ ކުރިން ފިޔަވަޅުތައް ހަރުކަށިކުރަން ކަމާ ބެހޭ އިދާރާތަކަށް ގޮވާލާ ކަމަށެވެ.

މާލެ ސަރަހައްދަށް އިއްޔެ ދިން ލުއިތަކުގެ ތެރޭގައި ކާފިއު އުވާލުން ހިމެނެއެވެ. އަދި ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހުޅުވުމުގެ ހުއްދަ އާއި ކުރިއެކޭ އެއްގޮތަށް ކެފޭ ރެސްޓޯރަންޓުތައް ހުޅުވުމުގެ ހުއްދައާއި ދުވާ ޓްރެކްތައް ހުޅުވުމުގެ ހުއްދަ ދިނުން ހިމެނެއެވެ.

އޭގެ އިތުރުން ޔުނިވާސިޓީ، ކޮލެޖުތަކަށް ދަރިވަރުން ހާޒިވެގެން ކްލާސްތައް ކުރިއަށް ގެންދިއުމަށް ހުޅުވައިލަން ހުއްދަދީ، ޕްރީސްކޫލްތަކާއި ނާސާރީތަކުގައި ކިޔަވައިދިނުން ހުޅުވައިލުމުގެ ހުއްދަ ދިނުމަށް ނިންމާފައިވެއެވެ. އަދި ޑޭ ކެއާގެ ހިދުމަތް ދޭ ތަންތަން ހުޅުވުމުގެ ހުއްދަ އާއި ޖިމްތަކުގައި ކަސްރަތު ކުލާސްތައް ކުރިއަށްގެންދިއުމުގެ ހުއްދަ ދިނުމަށް ވެސް ވަނީ ނިންމައިފައެވެ.