ރާއްޖޭގެ ދިގު އަދި މުއްސަނދި ތާރީހު ދިރާސާކޮށް، ލިޔެ، ރައްކާކުރުމަކީ ޔުނިވާސިޓީތަކާއި ކޮލެޖުތަކުގައި މަތީ ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންގެ ކޮނޑުގައި އެޅިފައިވާ ގައުމީ މަސައްކަތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ސިފަކުރައްވައިފިއެވެ.
އެމަނިކުފާނު މިކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައި މިވަނީ، އަލްގާޒީ ހަސަން ތާޖުއްދީން ލިޔުއްވާފައިވާ "ތާރީހު އިސްލާމި ދީބާ މަހަލް" ގެ ދިވެހި ތަރުޖަމާ ރަސްމީކޮށް ނެރެދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
""ތާރީހު އިސްލާމި ދީބާ މަހަލް" އަކީ ރާއްޖޭގެ ދިގު ތާރީހާ ގުޅޭގޮތުން ދިވެއްސަކު ލިޔުއްވާފައިވާ އެންމެ ފުރަތަމަ ފޮތެވެ. އަލްގާޒީ ހަސަން ތާޖުއްދީން މި ފޮތުގެ އަސްލު ލިޔުއްވާފައިވަނީ އަރަބި ބަހުންނެވެ. ރައީސް މި ފޮތް ސިފަކުރައްވަނީ ރާއްޖޭގެ ތާރީހުގެ ވަރަށް އަގުހުރި ރަން މުތެއް އަދި ގައުމީ ތަރިކައެއްގެ ގޮތުގައެވެ. ރައީސް ވިދާޅުވީ، މި ފޮތަކީ ކިޔަވާ ކުދިންނަށް ލިބުނު ވަރަށް އަގުހުރި އިލްމީ ހަދިޔާއެއް ކަމަށާއި ތާރީހު ދިރާސާކުރައްވާ ބޭފުޅުންނަށް ލިބިވަޑައިގެންނެވި ވަރަށް އިތުބާރު ހުރި މަސްދަރެއް ކަމަށެވެ.
މި ފޮތް ނެރެދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކުގެ ކަމާގުޅޭ ފެކަލްޓީތަކުން، ރާއްޖޭގެ ތާރީހާ މެދު މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ދިރާސާކުރަން ޖެހިފައިވާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ދަރިވަރުންނަށް އެކަމަށް ހިތްވަރުދެއްވައި، ދިވެހި ބަހުގެ އެކެޑަމީގެ އެހީތެރިކަމާއެކު، އެ މަސައްކަތް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ފެއްޓެވުމަށް އެމަނިކުފާނު ގޮވައިލެއްވިއެވެ.
ތާރީހު ދިރާސާކޮށް، ތާރީހީ ލިޔުންތައް ރައްކާކުރުމާ ގުޅޭގޮތުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ވިދާޅުވީ، މިކަމުގައި އިސްކަންދޭންވީ ހަމައެކަނި އިހުގެ ތާރީހަށް ނޫން ކަމަށެވެ. އަދި އެއިރެއްގައި ކަން ހިނގަމުންދާ ގޮތް، އެއްވެސް ތައައްސުބެއް ނެތި، ތެދު ބަހުން ހާމަކުރުމަށް އިސްކަންދިނުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެކަން އެންމެ ފުރިހަމައަށް ކުރެވޭނީ އެ ޒަމާނެއްގައި، އެކަމެއް "ލޮލުން ދެކި އަތުން ހިފި ބަޔަކަށް" ކަމަށެވެ. އަދި އެކަމެއް ހިނގަމުން އަންނަ ދުވަސްވަރެއްގައި ކަމަށެވެ.
"މިފޮތުގައި ހުރި ވާހަކަތަކަށް ބަލާއިރު، މިއީ ހަމައެކަނި ތާރީހު ފޮތެއް ވެސް ނޫން. މިއީ ދުނިޔަވީ ކަންކަމުގައި ހެޔޮ އިރުޝާދު ބޭނުންވާ މީހަކަށް ވަރަށް ބޭނުންތެރި އަގުހުރި ނަސޭހަތްތަކެއް. އިންސާނީ ތާރީހުގެ ފަތްފުށްތަކުން އިބުރަތް ހާސިލުކުރަން އެދޭ މީހަކަށް ވެސް، އެތައް ދަރުސްތަކެއް ލިއްބައިދޭނެ ފޮތެއް،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި، މި ފޮތް ދިވެހި ބަހަށް ތަރުޖަމާކޮށް ޗާޕުކޮށް ނެރުމުގައި ހަރަކާތްތެރިވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. މި ފޮތް ރަސްމީކޮށް ނެރެދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވެސް ބައިވެރިވެވަޑައިގަންނަވައި، މި ފޮތުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދެއްކެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު