މިއަދުން ފެށިގެން މެންދަމު 12:00އާ ހަމައަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭ ގޮތަށް ހަދައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިގޮތަށް ބަދަލު ގެނެސްފައި މިވަނީ މާލެ ސަރަހައްދަށް އިއުލާންކޮށްފައިވާ ކާފިއު މިއަދު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އުވާލުމާ ގުޅިގެންނާއި ކުރިއަށްއޮތީ ރަމަޟާން މަހަށް ކަމަށްވުމުންނެވެ.

މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ މިއަދުން ފެށިގެން ރޯދަ މަސް ފެށެންދެން މުދާ ވިއްކާ ތަންތަން ފަތިހު 5.30 އިން މެންދަމު 12:00 އަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ.

ރޯދަ މަހުން ފެށިގެން ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ހެނދުނު 8:00 އިން މެންދަމު 12:00 އަށް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ކަސްޓަމަރުންނަށް ހުޅުވާލައިގެން ވިޔަފާރިކުރާ ތަންތަނުން އެޗްޕީއޭއިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ވާނެ ކަމަށެވެ.

މީގެ ކުރިން ފިހާރަތައް ހުޅުވާފައި ބަހައްޓަން ހުއްދަދީފައިވަނީ ރޭގަނޑު 10:30އާ ހަމައަށެވެ.