އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ "ސިންގަލް ޔޫސް ޕްލާސްޓިކް" ބޭނުން ކުރުން ހުއްޓާލައި ޕޭޕަލެސް ޓްރާންސިޝަން ސްޓެލްކޯ އިން މިއަދު އިފްތިތާހު ކޮށްފި އެވެ.

މި ދެކަންތައް ވެސް އިފުތިތާހު ކޮށްދެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ގާސިމް އަބްދުލްކަރީމް އެވެ.

މިއާއެކު އެ ކުންފުނިން ހިންގަމުން އަންނަ 35 އިންޖީނުގެ އަކީ ސިންގަލް ޔުސް ޕްލާސްޓިކް ނުވަތަ އެއްފަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ވެއްދުން މަނާ ތަންތަނަށް ވެގެންދާނެ އެވެ.

މިއަދު ބޭއްވި ރައްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުޣުނީ ވިދާޅުވީ، މިއަދު މި ފެށި "ފެހި ދިރިއުޅުން" ޕްރޮގްރާމްގެ ތެރެއިން ތިމާވެއްޓާ ރައްޓެހި ގޮތެއް ހޯދުމާއި ތިމާވެއްޓަށް ގެއްލުންދެނިވި ތަކެއްޗަށް ނޫނެކޭ ބުނުން ވެގެންދާނީ ސްޓެލްކޯގެ ހިދުމަތުގެ ދިގު ތާރީހުގައި ގިރާ ކުރި މުހިންމު ހަރުފަތަކަށް ކަމަށެވެ.

"އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫސް ޕްލާސްޓިކް އެކީ އެއް ފަހަރާ މުޅި ކުންފުނީގައި ފުޅާ ދާއިރާއެއްގައި ތަންފީޒު ކުރުވާ މިފަދަ ޕްރޮގްރާމެއް ފަށައި ގަންނަ ފުރަތަމަ ކުންފުންޏަކަށް މިކުންފުނި ވެގެން ދާނެ. ހިސާބުތައް ދައްކާ ގޮތުން މަހެއްގެ މައްޗަށް މި ކުންފުނީގެ ބޭނުންތަކަށް 2800 ފެންފުޅި ގަނެ ބޭނުން ކުރޭ. މިއީ އަހަރަކަށް ބަލާނަމަ، 33 ހާސް ފުޅި ފެން ތިމާވެއްޓަށް ގެންލުން ދޭ ގޮތުގައި ނައްތާލާ. މިކަން ތަކުރާރުކޮށް ކޮށް ތިބެން އެހާ ފަސޭހައެއް ނޫން" މުޣުނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޒަމާނުއް ސުރެއް ކަރުދާސް ޕްރިންޓު ކޮށްގެން ބޭނުން ކުރަމުން ދިޔަ ދިއުން މިއަދު އިފުތިތާހު ކުރެވޭ ޕްރޮގްރާމްގެ ދަށުން މަދުވެ ހަރަދު ކުޑަވެގެންދާނެ ކަމަށާއި މިހާރު ބޭނުންކުރާ ކަރުދާހުގެ ނިސްބަތް 52 ޕަސެންޓަށް މިހިނގާ 2021 ވަނަ އަހަރު ނިމޭއިރު ކުޑަކުރެވިގެންދާނެ ކަމަށެވެ.

ނޭޝަނަލް އިންޓަގްރިޓްރީ ކޮމިޝަންގެ ރައީސް ގާސިމް އަބްދުލް ކަރީމް ވިދާޅުވީ ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް މިހާރު ޕްލާސްޓިކް ބޭނުން ކުރަމުން އަންނަ ކަމަށާއި، އެ މައްސަލަ ހައްލު ކުރުމަށް ސްޓެލްކޯ ފަދަ ބޮޑެތި ކުންފުނިތަކުން އިސްނެގުމަކީ ހެޔޮ ފާލެއް ކަމަށެވެ.

އަދި އެހެން އިދާރާތަކާއި ކުންފުނިތަކުން ވެސް ސްޓެލްކޯ އިން މި ދެއްކި ނަމޫނާ އާއި އެއްގޮތައް ސިންގަލް ޔޫސް ޕޮލާސްޓިކާ ދުރުވެ، ކަރުދާސް މަދުކުރުމަށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ ގްރީން ލައިފް އިނިޝިއޭޓިވްގެ ދަށުން ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ކުރެވޭ މަސައްކަތުގައި މުވައްޒަފުން ބައިވެރި ކުރުމަށް ކޮންމެ މުވައްޒަފަކަށް ވެސް ރީ-ޔޫސަބަލް ފެންފުޅި އާއި ފޮތި ދަބަސް ހަވާލު ކޮށްފައިވާ ކަމަށެވެ.

އަދި މަސައްކަތުގެ މާހައުލުގައި ފެން ބުއިމުގެ އާދަ އަށަގަންނަވައި ދުޅަހެޔޮ ސިއްހަތެއްގައި މުވައްޒަފުން ތިބުމަށް ބާރުއެޅުމަށް ކުންފުނީގެ ހެޑް އޮފީހުގެ ވަކިވަކި ޑިޕާޓްމަންޓުތަކާއި ހުރިހާ ފުލޯތަކެއްގައި ވޯޓާ ޑިސްޕެންސާ ނުވަތަ ބޯފެން ފުޅިއަށް އަޅައިގެން ބޭނުން ކުރެވޭނެ އިންތިޒާމުތައް ވެސް ހަމަޖައްސާފައިވާ ކަމަށް ވެސް ބުންޏެވެ.

އޭގެ އިތުރުން ކުންފުނީގެ ވިޔަފާރި ހިދުމަތްތަކުގައި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ކަރުދާސް ކޮތަޅު ފޯރުކޮށްދީ، ކުންފުންޏަށް އެކި ބޭނުންތަކުގައި އަންނަ ފަރާތްތަކުން ވެސް ތިމާވެއްޓަށް ގެއްލުން ދޭ ތަކެތި ކުންފުނީގެ އިމާރާތުގެ ތެރެއަށް ނުވެއްދުމާއި ބޭނުން ކުރުން ހުއްޓުވުމުގެ ގޮތުން، އިމާރާތުގެ ތެރެއަށް ވެއްދުން މަނާ ކުރެވޭ ތަކެތި އެތެރެއަށް ވަންނައިރު ބެހެއްޓޭނެ އިންތިޒާމް މިހާރު ގާއިމު ކޮށްފައިވާ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.