'ބިޔޯންޑް ހުޅުމާލެ' ގެ ދަށުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކޯލް ސެންޓަރު ފުވައްމުލަކަށް ބަދަލުކޮށް އެ ސެންޓަރު އިއްޔެ ހުޅުވައިފި އެވެ.
އެޗްޑީސީން ބުނީ މިދިޔަ އަހަރު އެ ކުންފުނިން ހުޅުމާލެއަށް ވަރަށް ގިނަ ގުނަ ހިދުމަތް ކޮށްދީފައިވާ ކަމަށެވެ. އަދި އެ ކުންފުނިން ދެމުން އަންނަ ހިދުމަތްތަކުގު ފެންވަރު ރަނގަޅުކޮށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ހުޅުމާލެ ފަދަ އިތުރު ރަށްތައް ތަރައްގީ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަމާޒު ކަނޑައެޅި ކަމަށެވެ.
އެގޮތުން ރާއްޖޭގެ އެކި ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން "ބިޔޯންޑް ހުޅުމާލެ" ގެ ދަށުން ކުރަމުން އަންނަ މަސައްކަތްތަކުގައި މިއަދު ރާއްޖޭގެ އެންމެ ބޮޑު އެއް ސިޓީ ކަމުގައިވާ ފުވައްމުލައް ސިޓީ އަށް އެ ކުންފުނީގެ ކޯލް ސެންޓަރު ބަދަލުކޮށް، ރަސްމީކޮށް ހުޅުވާފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. އަދި 1516 ހޮޓްލައިންވެސް އިފްތިތާހު ކޮށްފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އެޗްޑީސީން ބުނީ ފުވަމުލަކުގައި އިފްތިތާހު ކުރި ކޯލް ސެންޓަރަކީ، އެ ކުންފުނީގެ މަސައްކަތްތައް ހުޅުމާލެ ފިޔަވައި އެހެން ރަށްރަށަށް ފޯރުކޮށްދިނުމަށް އެޅިގެންދިއަ މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި އެ ކުންފުންޏާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ރަނގަޅުކޮށް އެކި ބޭނުންތަކަށް އެ ކުންފުންޏަށް ގުޅައިގެން ހިދުމަތް ހޯދާ ފަރާތްތަކަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަކީ މި ކޯލް ސެންޓަރުގެ މައިގަނޑު އެއް އަމާޒު ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން މި ކޯލް ސެންޓަރުގެ ސަބަބުން ފުވައްމުލައް ސިޓީގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ، އެ ކުންފުންޏާއި ފުވަމުލަކުގެ ރައްޔިތުންނާއި ކައުންސިލާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ކުރިމަގުގައި ފުވައްމުލައް ތަރައްގީކުރުމަށް އެ ކުންފުނީގެ ފަންނީ ތަޖުރިބާ އާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.
ވާޗުއަލްކޮށް ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ވިދާޅުވީ، ކޯލް ސެންޓަރުގެ ސަބަބަބުން އެ ކުންފުނިން ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށެވެ. އަދި ފުވަމުލަކުގެ ރައްޔިތުންނާއި އެ ކުންފުންޏާއި ދެމެދު އޮންނަ ގުޅުން ބަދަހިވެ، ކުރިމަގުގައި އިތުރު މަސައްކަތްތަކެއް ކައުންސިލާ ގުޅިގެން ކުރިއަށް ގެންދެވޭނެ ކަމުގެ އުއްމީދު ކުރައްވާ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.
މިރަސްމިއްޔާތުގެ ބައިވެރިންނާއި ވާހަކަދައްކަވަމުން ފުއްވަމުލަކުގެ މޭޔަރު އަބްދުﷲ ފަލާހް ޝަރީފް ވިދާޅުވީ ފުވަމަލުކު ކައުންސިލްގެ ވިސްނުން ހުރީ ހަމައެކަނި ކޯލް ސެންޓަރަކަށް ނޫން ކަމަށާއި، އެޗްޑީސީގެ އާބަން ސިޓީއެއް ތަރައްގީކުރުމުގެ ފުރިހަމަ ތަޖުރިބާގެ އަލީގައި ފުވައްމުލަކަށް އެތައް ތަރައްގީއެއް ގެނައުމަށް ކަމަށެވެ. އަދި ރާއްޖޭގެ ރަށްތައް ލާމަރުކަޒީކޮށް ތަރައްގީކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި ފެށިގެން މިދިއަ ގުޅުމުގެ ސަބަބުން އެކަން ފުރިހަމަކުރުމުގެ މަގު ވަރަށް ބޮޑަށް ފަހިވެގެން ދިޔަކަމަށް އޭނާ ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު