ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރޭ މެސަޑޯނިއާ އަތްދަށުގެ ވަރުގަދަ ޖަރުމަނު ކޮލިފިކޭޝަންގެ ފުރަތަމަ ބައްޔާ ކުރިމަތިލާން ޖެހިއްޖެއެވެ.

ރޭ ކުޅުނު މެޗުން ޖަރުމަނު ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. ދުނިޔޭ ރޭންކިންގެ ގަދަ ފަހެއްގެ ތެރޭގައި އަބަދުވެސް ޖަރުމަނު ފާހަގަކޮށްލެވޭއިރު، މެސަޑޯނިއާ މިވަގުތުވެސް އޮތީ 65 ވަނައިގައެވެ. މެސަޑޯނިއާގެ ފުޓުބޯޅަ ތާރީހުގައިވެސް ރޭގެ މޮޅަކީ ފާހަގަކޮށްލެވޭނެ މޮޅެކެވެ. މެސަޑޯނިއާއިން ރޭ ބަލިކުރީ ހަތަރު ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ޖަރުމަނެވެ.

މެޗުގެ ފުރަތަމަ ގޯލް، ފުރަތަމަ ހާފް ނިމެން ދަނިކޮށް އިންޓަ މިލާންގެ ކުރީ ފޯވަޑް ގޯރަން ޕަންޑޭވް ކާމިޔާބު ކޮށްދިންއިރު، ދެވަނަ ހާފަށް ނުކުމެ ޖަރުމަނު ނަތީޖާ ހަމަހަމަ ކުރިއެވެ. އޭރިއާ ތެރެއިން ލެރޮއެ ސާނޭއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނެލްޓީ ކާމިޔާބުކޮށް، އިލްކޭ ގުންޑޮގަން ލީޑު ނެގި ނަމަވެސް މެސަޑޯނިއާއިން ވަނީ މެޗު ނިމެން ފަސް ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް، އެލިފް އެލްމާސްގެ ގޯލުން މޮޅުވެފައެވެ.

ރޭގެ މެޗުގައި ޖަރުމަނަށް ފުރުސަތުތައް ލިބި ބޭކާރު ވެގެން ދިޔަތަން ފެނިގެން ގޮސްފައިވާއިރު، އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ ޗެލްސީ ފޯވަޑް ޓީމޯ ވާނާއަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތެވެ. އެއްވެސް ހުރަހެއް ނެތި އޭނާއަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ދިޔައީ ގޯލް އަރިމަތިން ބޭރަށެވެ.

ރޭގެ މެޗަށްފަހު މެސަޑޯނިއާގެ ކޯޗު އީގޯ އެންޖެލެވްސްކީ ބުނެފައިވަނީ ޖަރުމަނާ އެއްވަރަށް ތަށި ހޯދާފައިވާ ޓީމެއް، މެސަޑޯނިއާ ފުޓުބޯޅަ ތާރީހުގައިވެސް އެ ބަލިކުރެވުނީ ފުރަތަމަ ފަހަރަށް ކަމަށެވެ. ދެން ޓީމަށް އޮތީ ރަނގަޅަށް ރެސްޓްކޮށް، ދެން އޮތް މެޗަށް ތައްޔާރުވުން ކަމަށެވެ.