ފިލްމީތަރި މުހައްމަދު ޖުމައްޔިލް ނިމާލްގެ މައްޗަށް، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ދައުވާ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އިން އުފުލައިފި އެވެ.

އެނގިފައިވާ ގޮތުގައި އެ ދައުވާ ޖުމައްޔިލްގެ މައްޗަށް އުފުލައި ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. ނަމަވެސް މަހަކާއި ދުވަސްކޮޅެއް ވެފައިވާއިރު ވެސް އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން އަދި ފަށައިފައެއް ނުވެ އެވެ.

ޖުމައްޔިލް އޭނާގެ ދެބެއިންގެދެދަރި އަންހެން ކޮއްކޮއަކަށް ޖިންސީ ގޯނާކޮށް، ރޭޕްކުރި ކަމުގެ ތުހުމަތުކޮށް އެ ހާދިސާ ހިނގި ގޮތް އަންހެނަކު ވަނީ ސޯޝަލް މީޑިއާއަށް ތިލަކޮށްފައެވެ.

އުމުރުން 17 އަހަރުގައި އޭނާގެ ދެބެންގެ ދެދަރި ބޭބެ، ޖުމައްޔިލްގެ ޖިންސީ ޝިކާރައަކަށްވި ކަމަށް ބުނެ އަންހެން ކުއްޖަކު މިދިޔަ އަހަރު ވަނީ ޓުވިޓާ އަދި ފޭސްބުކްގައި އެ ހާދިސާ ހިނގި ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދީފައެވެ. އޭނާ ބުނީ 2016 ވަނަ އަހަރު ހިނގި އެ ހާދިސާއަށް، މިއަދާ ހަމައަށްވެސް އިންސާފު ލިބިފައި ނުވަނީ އެމައްސަލަ ޕީޖީއަށް ދިއުމުން ބާރުގެ ބޭނުންކޮށްގެން މައްސަލަ އޮއްބާލާފައިވާތީ ކަމަށެވެ.

އެ މައްސަލައިގައި ޖުމައްޔިލްގެ މައްޗަށް ދައުވާ އުފުލާފައި މިވަނީ އަނިޔާ ލިބުނު ކަމަށް ތުހުމަތުކުރާ އަންހެން ކުއްޖާ އެކަން ޕީޖީ ހުސައިން ޝަމީމްގެ ސަމާލު ކަމަށް ގެނައުމުން އެކަން ބަލައިދެއްވާނެ ކަމަށް ވިދާޅުވުމަށްފަހުގަ އެވެ. އަދި ޕީޖީ އޮފީހުން އޭރު ވަނީ އެ މައްސަލަ އަލުން ރިވިއު ކުރުމަށް ނިންމައިފަ އެވެ.

އެ ހާދިސާއާ ގުޅިގެން ޑާކް ރެއިން އެންޓަޓައިމެންޓުގެ ޕްރޮޖެކްޓްތަކުން ފިލްމީ ތަރި ޖުމައްޔިލް ނިމާލު ވަކިކުރަން އެކުންފުނިން ނިންމި އެވެ. އަދި އޭގެ ފަހުން އޭނާގެ ފިލުމެއް ނުފެނި އާންމުންނަށް ވަނީ 'ގެއްލިފަ' އެވެ.