އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ މައްޗަށް އުފުލާފައިވާ، ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ތާވަލުކޮށްފި އެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ފަށާފައިވާއިރު، މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އަޑުއެހުމުގައި އޮންނާނީ، ޝަރީއަތުގެ ކުރިން ދެ ފަރާތުން ހުށަހަޅާ ނުކުތާތަކަށް ވާހަކަ ދެއްކުމެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ، ހަސަން ސައީދު ބައްލަވާ އެ މައްސަލައިގެ ދައުވާއަށް އިންކާރު ކުރައްވާ ކަމަށް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އަބްދުއްރަހީމްގެ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.

ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ (ހ) ގެ ތިންވަނަ ނަމްބަރުގައި ވާގޮތުން ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމާއި ހަޑި ހުތުރު އަމަލުތައް ކުރުމަކީ އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމެވެ. އަދި އެއީ ކުށެކެވެ. އެ ކުށަކީ ޖުނަހުގެ ތިންވަނަ ދަރަޖައިގެ ކުށެކެވެ.

އެ ކުށަށް ކަނޑައެޅޭ އެންމެ ބޮޑު އަދަބަކީ ތިން މަހަށް ޖަލަށްލުމެވެ. އަސާސީ މިންގަނޑުން އަދަބު ކަނޑައަޅާނަމަ އަންނާނީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް މިންގަނޑުން ނަމަ ނުވަ ދުވަހުގެ ޖަލު ހުކުމެކެވެ. ކުށަށް އަދަބު ކަނޑައަޅާއިރު ކުށުގެ ބާވަތަށާއި ކުށުގެ ރެކޯޑަށް ބަލާނެއެވެ. މީގެ ކުރިން އެފަދަ ކުށެއް ކޮށް، ސާބިތުވެފައި ނުވާ ނަމަ އަދަބު ކުޑަވާނެއެވެ.

ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކޮށްފައިވާ ކަމަށް ބުނެ އަބްދުއްރަހީމްގެ މައްޗަށް ދައުވާ އުފުލާފައިވާ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމް އިއްވި ދުވަހު މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އަދުރޭ ވަނީ ރައީސް ޔާމީނަށް ހުކުމް އިއްވި ފަނޑިޔާރަށް ނިސްބަތް ކުރައްވަައި ބޭއަދަބީ ބަސްތަކެއް ބޭނުންކުރައްވައި އެފަދަ މޭރުމަކުން ވާހަކަދައްކަވައިފައެވެ.

މީގެ އިތުރުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފުލުހަށް ހާޒިރުކުރި ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވެސް އަދުރޭ ވަނީ ބޭއަދަބީ ބަހެއް ބޭނުންކުރައްވައިފައެވެ.