ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ހޯދަން ހަވާލުކުރި ވެންޓިލޭޓަރުތައް ނުލިބުނު މައްސަލައިގައި އެ ފައިސާ ހޯދަން އާބިޓްރޭޝަނަށް ދާން ދިވެހި ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެންޓިލޭޓަރު މައްސަލައިގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކު ވިދާޅުވީ، ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތް ކުރީގެ ހެލްތު މިނިސްޓަރު މުހައްމަދު އަމީން އާއި މިނިސްޓަރު އަހުމަދު ނަސީމު ވެސް ކުރެއްވި ކަމަށެވެ.

ނަމަވެސް މިހާރު ސަރުކާރުން ނިންމާފައި ވަނީ ވެންޓިލޭޓަރުތައް ގަތުމަށް ދެއްކި ފައިސާ ހޯދުން ކަމަށް މަބްރޫކު ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެންނަށް އާދެވިފައި ހުރި ހިސާބަކީ އެ މަސައްކަތަކުން ނަތީޖާއެއް ނުލިބުނު. ބޭނުންވާ ވަރަށް މުއްދަތު ވެސް ދެވިއްޖެ. އަދި ވެންޓިލޭޓަރުތައް ހޯދުމުގައި އަކި ޓައިމްލައިން ފަހަނައަޅައި ހިނގައްޖެ. މިހާރު އޮޑިޓަރު ޖެނެރަލްގެ ވިސްނުންފުޅަކީ އަދި އޮޑިޓަރު ޖެނެރަލް ތައްޔާރުވެ ވަޑައިގަންނަވަމުން އެ ދަނީ، އާބިޓްރޭޝަނަށް މި މައްސަލައިގައި ދިވެހި ސަރުކާރުން ދިއުމަށް،" މަބްރޫކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުމުގައި ކަންކުރަންވީ ގޮތް ވަރަށް ސާފު ކަމަށެވެ. އެގޮތުން އެ އެއްބަސްވުމަށް އަމަލު ކުރަން ޖެހޭނީ ޔުނައިޓެޑް ނޭޝަންސް ކޮމިޝަން އޮން ޓްރޭޑް ލޯއާ އެއްގޮތަށް ކަމަށް ބުނެފައިވާނެ ކަމަށް ވިދާޅުވި އެވެ.

މަބްރޫކު އިތުރަށް ވިދާޅުވީ، އިންޓަނޭޝަނަލް އާބިޓްރޭޝަނެއް ހިންގާނީ ރާއްޖޭގައި ކަމަށާއި ނަމަވެސް އާބިޓްރޭޓާއަކަށް ވާނީ ބޭރުގެ އާބިޓްރޭޓާއެއް ކަމަށެވެ. އަދި އެއްބަސްވުމާ ހިލާފުވެއްޖެ ކަމަށް އާބިޓްރޭޝަނުން ނިންމައިފިނަމަ، ބައިނަލްއަގުވާމީ ޓްރީޓީތަކާއި ޖަމިއްޔާތައް މެދުވެރިކޮށް އެ ފައިސާ ހޯދޭނެ ކަމަށް ވިދާޅުވި އެވެ.