މި ވަގުތު ރާއްޖޭގައި 1200 މަޝްރޫއު ކުރިއަށް އެބަދާ ކަމަށާއި އެ ހުރިހާ މަޝްރޫއުއަކީ ވެސް މި ސަރުކާރުގެ މަޝްރޫއުތައް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މީގެ ކުރިން އެއްވެސް ސަރުކާރަކުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދާ ވަރަށް މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން މިހާރުވެސް ޕީއެސްއައިޕީގެ ދަށުން 1،200 އަށްވުރެ ގިނަ މަޝްރޫއު ހިނގަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"އެއީ ސީދާ މި ސަރުކާރުގެ މަޝްރޫއުތައް. މިއީ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މިހާތަނަށް އައި އެއްވެސް ސަރުކާރަކުން އެންމެ ގިނަ މަޝްރޫއު ހިންގި ދެ އަހަރު އަދި އެންމެ ގިނަ މަޝްރޫއު ހިންގަމުންދާ ވަގުތު" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، ފާއިތުވި މަސް ދުވަހުގެ ތެރޭގައިވެސް ނުވަ މަޝްރޫއެއް ނިންމާފައިވާ ކަމަށެވެ. އަދި ހަތް މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"އޭގެ ތެރޭގައި ހޮސްޕިޓަލްތަކުގެ އެކްސްޓެކްޝަންތަކަކާއި ފެރީޓާމިނަލް ތަކާއި ބަނދަރުތަކާއި މިފަދަ ކަންކަން ހިމެނޭ" މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، މި ސަރުކާރުން އެންމެ ހާއްސަ އިސްކަމެއް ދީގެން ކުރި އެއް މަސައްކަތަކީ، ރަށްރަށުގައި ޒަމާންތަކެއް ވަންދެން ފުނި ޖެހިފައިވާ ކުނިތައް ނަގައި ސާފު ކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ސަރުކާރުގެ ލެގަސީ ވޭސްޓް ޕްރޮގްރާމްގެ ދަށުން 8 ރަށެއްގައި ޖަމާވެފައި ހުރި ކުނި ނަގައި ސާފުކޮށްފައިވާ ކަމަށާއި އިތުރު ހަ ރަށެއްގައި ހުރި ކުނި ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
މި އަހަރަށް ފާސްކުރި ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް 8.3 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އެއީ މިއަހަރަށް ފާސްކުރި 34.9 ބިލިއަން ރުފިޔާގެ ބަޖެޓުގެ 24 އިންސައްތައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު