ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
މަޖީދީ މަގުގައި ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައި މިވަނީ، އެ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އިމާރާތް ކޮށްދިދިނުމަށް އެދި އާންމުންގެ 1،100 އަށް ވުރެ ގިނަ މީހުންގެ ސޮޔާއެކު އިސްލާމިކް މިނިސްޓްރީއަށް ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ވަގުތީ މިސްކިތް އިމާރާތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރީ ކުރުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުން އެދޭ ކަމަށެވެ.
މި މަސައްކަތުގެ ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މާދަމާ ހަވީރު 4:00 ގެ ކުރިން [email protected] މެދުވެރިކޮށް ރަޖިސްޓަރީ ވާން މިނިސްޓްރީން ވަނީ އަންގާފަ އެވެ. ރަޖިސްޓްރީ ކުރެވުނުކަން ޔަގީންކުރުމަކީ އެ ފަރާތެއްގެ ޒިންމާއެއް ކަމަށްވެސް އިއުލާނުގައިވެއެވެ.
މިނިސްޓްރީން ބުނީ، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އަންނަ މަހުގެ ހަ ވަނަ ދުވަހުގެ 13:30 ގައި އެ މިނިސްޓްރީގެ މީޓިން ރޫމް 01 ގައި ކަމަށެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް ހަދައިދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފައި މިވަނީ އެ ބިމުގައި ދިހަ ބުރީގެ މިސްކިތެއް ހެދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެކު ހަދާފައިވާ އެއްބަސްވުމާ ގުޅޭ މައްސަލަތަކެއް ކޯޓުގައި ހިނގަމުން ދަނިކޮށެވެ.
ޒިކުރާ މިސްކިތް އިމާރާތް ކުރުމަށް އެސްޖޭ އާ ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭ ކަމަށް ތުހުމަތުކޮށް އެއިރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރާއި އިސްލާމިކް މިނިސްޓްރީގެ އެންޑޯޒްމަންޓް ސެކްޝަންގެ ކުރީގެ ވެރިއެއް ކަމުގައިވާ އިބްރާހީމް އަބްދުﷲ ސައީދުގެ މައްޗަށް ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ވެސް އުފުލާފަ އެވެ. އެ ދެ ބޭފުޅުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލައި، މިހާރު ވަނީ ޝަރީއަތް ފަށައިފައެވެ.
ޒިކުރާ މިސްކިތް ކުރިން ހުރި ބިމުގައި "ދާރުލް ޒިކްރާ"ގެ ނަމުގައި ދިހަ ބުރީގެ މިސްކިތެއް އެޅުމަށް 130 މިލިއަން ރުފިޔާއަށް އެސްޖޭއާ ހަވާލުކުރީ ޖުލައި 9، 2018 ގަ އެވެ. އިކުއިޓީގެ ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުން އެސްޖޭ އަށް ވަނީ 30 މިލިއަން ރުފިޔާ ވެސް ދީފަ އެވެ. ނަމަވެސް މިސަރުކާރުން ވަނީ އެއްބަސްވުމާ އެއްގޮތަށް އެސްޖޭ ކުންފުނިން މިސްކިތުގެ އެއްވެސް މަސައްކަތެއް ކުރަމުން ނުދާތީ ކަމަށް ބުނެ އެސްޖޭއާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށްފަ އެވެ.
ޒިކުރާ މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުން އިސްލާމިކް މިނިސްޓްރީން އުވާލުމާ ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން 111 މިލިއަން ރުފިޔާ ނަގައިދިނުމަށް އެސްޖޭއިން ސިވިލް ކޯޓަށް މައްސަލައެއްވެސް ވެއްދިއެވެ. އެ މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނީ، ދައުލަތުން އެސްޖޭއަަށް ބަދަލުގެ ގޮތުގައި 111 މިލިއަން ރުފިޔާ ދޭން ނުޖެހޭ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ