މޫދަށް އެރި އުޅެނިކޮށް ގެއްލުނު ސިފައިންގެ މީހާގެ ހަށިގަނޑު ކަނޑު އަޑިން ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ލާންސް ކޯޕްރަލް ހުސެއިން ފާރިޝްއެވެ. އޭނާ ގެއްލުނީ މިއަދު ހަވީރު 5:40 ހާއިރުއެވެ.

އެމްއެންޑީއެފުން ބުނީ އޭނާގެ ހަށިގަނޑު ކަނޑުގެ އަޑިން ފެނިފައިވާ ކަމަށާއި އޭނާގެ ހަށިގަނޑު ފެނިފައިވަނީ މިރޭ 8:50 ހާއިރު ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު މިހާރު އެމްއެންޑީއެފް ލޮންޗްގައި ލ. ކައްދުއަށް ގެންދިއުމަށް ދަތުރުކުރަމުން އަންނަ ކަމަށެވެ.

އޭނާ ގެއްލިފައިވަނީ ކައްދޫގެ އިރުމަތީ ފަރާތު މޫދަށް އެރި އުޅެނިކޮށް އޮއެ ގަނޑެއްގައި ޖެހިގެންނެވެ. އޭނާއާއެކު އިތުރު ތިން ސިފައިންގެ މީހަކުވެސް މޫދަށް އެރިފައިވެއެވެ.

އެމްއެންޑީއެފުން ބުނީ މޫދަށް ފޭބި ހަތަރު މީހުންގެ ތެރެއިން އެކަކު ގެނބިގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަަމަށެވެ. އޭނާ ގެނބުނީ ގެއްލުނު މީހާ އޮއެގަނޑެއްގައި ޖެހި އަޑިއަށް ދާތީވެ، ސަލާމަތް ކުރުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށް ވެސް ބުންޏެވެ. އަދި އެމީހާގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.