ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލުތަކަކީ ރާއްޖޭގެ ތަރައްގީއަށް އެޅުނު އެންމެ މުހިއްމު އެއް ފިޔަވަޅު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ކައުންސިލްތަކާއި ޔޫއެސް އެއިޑް އަދި އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް ގުޅިގެން ފެށި "ޑީސެންޓްރަލައިޒޭޝަން ޕޮލިސީ ކޯޑިނޭޝަން ކޮންފަރެންސް" ގައި ރައީސް ވިދާޅުވީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނު އަސާސީއަކީ ރާއްޖެ ލާމަރުކަޒު ކުރުމަށް ވަރަށް ބޮޑަށް މަގު ކޮށައިދިން ގާނޫނުއަސާސީއެއް ކަމަށާއި ނަމަވެސް ހަގީގީ ލާމަރުކަޒީ ނިޒާމަކުން ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ބާރުވެރިވެގެން ދިޔައީ ލާމަރުކަޒީ ގާނޫނަށް 2019 ވަނަ އަހަރު މި ސަރުކާރުން ހުށަހެޅި އިސްލާހުތަކުން ކަމަށެވެ.

"ލާމަރުކަޒީ ގާނޫނަށް މި ގެނެވުނު ބަދަލުތަކަކީ ރާއްޖޭގެ ތަރައްގީއަށް އެޅުނު އެންމެ މުހިއްމު އެއް ފިޔަވަޅު ކަމަށް އަޅުގަނޑު ދެކެން. ދިވެހިރާއްޖެއަކީ އުފެދުމުގައިވެސް ލާމަރުކަޒީ ސިފަތަކާއެކު އުފެދިފައި އޮތް ޖަޒީރާ ރާއްޖެއެއް. މާސިންގާ ހިންދޫ ކަނޑަށް ފެތުރިފައި އޮތް މި ރަށްތައް ތަރައްގީ ކުރެވޭނީ މަރުކަޒީ އުސޫލުތައް ދޫކޮށްގެން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ ލާމަރުކަޒީ ނިޒާމަށް ގެނައި އިސްލާހީ ބަދަލުތައް ތަންފީޒު ކުރުމުގެ ފުރަތަމަ ފިޔަވަޅު ކަމަށާއި މި އިންތިހާބުން ލާމަރުކަޒީ ނިޒާމަށް އަންނާނެ އެންމެ ބޮޑު ބަދަލަކީ އިންތިހާބު ކުރެވޭ މަގާމުތަކުގައި އަންހެނުން ތަމްސީލުކުރާ މިންވަރު އެތައް ގުނައަކުން އިތުރުވެގެން ދިއުން ކަމަށެވެ. މިއީ ރާއްޖޭގެ ތަރައްގީއަށްވެސް އަދި ސިޔާސީ މަސްރަހަށްވެސް އަންނާނެ ހެޔޮ އަދި ބޮޑު ބަދަލެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ބަދަލުތަކުގެ ހެޔޮ އަސަރު، ރާއްޖޭގެ ކޮންމެ ރަށަކުން ފެނިގެންދާނެ. ފިރިހެނުންނާ އެއް ހަމައެއްގައި އަދި މަގާމުގެ ގޮތުންވެސް އެއް ފެންވަރެއްގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުވެގެން ދިޔުމާއެކު އަންހެނުންގެ ހައްގުތައް ކަށަވަރުކުރުމާއި ގައުމީ ފެންވަރުގައި އެކަމަށް ދެވޭ އަހަންމިއްޔަތުކަން އިތުރުވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

މިދިޔަ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރަމުން ދިޔައިރު، ގާނޫނު އަސާސީން ކަނޑައަޅައިދީފައި އޮތް ލާމަރުކަޒީ ނިޒާމު އޮތީ ކުރީ ސަރުކާރުން މުޅިން ގަޑުބަޑުކޮށްފައި ކަމަށާއި ގާނޫނު ބަދަލުކޮށް، ކައުންސިލްތަކުގެ ބާރުތައް އޮތީ ސަރުކާރުގެ އެކިއެކި ވުޒާރާތަކަށް ޖަމާކޮށްފައި ކަމަށެވެ. އަދި ކައުންސިލަރުންނަށް އެއްވެސް އިހުތިޔާރެއް، ބާރެއް ނެތްގޮތަށް ހުރިހާ ކަމެއް މިނިސްޓަރުގެ ބާރުގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކައުންސިލަރުން ސަސްޕެންޑް ކުރުމާއި ކައުންސިލްތަކަށް ޖެއްސުންކޮށް ދަތިކުރުން އޮތީ ސަރުކާރުގެ އާދައަކަށް ހަދާފައި ކަމަށާއި ވަކިން ހާއްސަކޮށް ސިޓީ ކައުންސިލްތަކުގެ އެއްވެސް ބާރެއް ނެތްގޮތަށް ހުރިހާ ކަމެއް ސަރުކާރުގެ ބާރުގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"އެހެނަސް އިރާދަކުރެއްވީތީ މިއަދު ރާއްޖެ މިހާރު މިއޮތީ އެ ހާލަތަކު ނޫން. މިއީ ރައްޔިތުންގެ ސަރުކާރެއް. މިއީ ރައްޔިތުން ބާރުވެރިކޮށްގެން ރައްޔިތުންގެ ބައިވެރިވުމާއެކު ލާމަރުކަޒީ ނިޒާމު ހިންގަން ޖާގަދޭނެ ސަރުކާރެއް. މިއަދު ކައުންސިލަރުންނަށް ގާނޫނީ ބާރު ލިބިއްޖެ. ރަށްރަށުގެ އިހުތިސޯސް ކަނޑައަޅައިފި،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރަށްރަށުގެ އިހުތިސޯސްގައި ހިމެނޭ ބިންތަކާއި ފަޅުތަކާއި އެހެން ވަސީލަތްތަކުގެ މިލްކުވެރި ފަރާތަކީ ރަށު ކައުންސިލް ކަމަށާއި އެ ވަސީލަތްތަކުން ހޯދާ އާމްދަނީ ލިބޭނީ އެ ރަށަކަށް ކަމަށެވެ. މިއީ ދިވެހި ތާރީހުގައިވެސް ރަށުގެ މިލްކުވެރިކަން ރަށުގެ ރައްޔިތުންނަށް ލިބިގެން އައި ފުރަތަމަ ފަހަރުކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަތޮޅު ކައުންސިލްތަކުގެ ދައުރު އެތައް ގޮތަކުން ފުޅާވެ، އަތޮޅު ތަރައްގީކޮށް، މުޅި އަތޮޅަށް ހިދުމަތް ކުރެވޭނެ ގޮތަށް، ޒިންމާތަކާއި ވާޖިބުތައް އަތޮޅު ކައުންސިލްތަކާ ހަވާލުކުރެވިއްޖެ. ދެން އޮތީ މަސައްކަތް ކުރުން. މި ގާނޫނުން ލިބިދޭ ބާރުތަކާއި ވަސީލަތްތަކާއެކު ރަށާއި އަތޮޅާއި ސިޓީތަކުގެ ތަރައްގީއަށް މުހިއްމު މަސައްކަތްތައް ކުރުން. އެކަމަށްޓަކައި ކައުންސިލްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އެހީތެރިކަން ސަރުކާރުން ދޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކައުންސިލްތަކުގެ މަސައްކަތްތައް އޮންނަނީ މަރުކަޒީ ސަރުކާރުގެ މަސައްކަތްތަކާ ވަރަށް ބޮޑަށް ގުޅިފައި ކަމަށާއި އެހެންކަމުން ކައުންސިލްތަކާ މަތިކޮށްފައިވާ ގާނޫނީ ޒިންމާތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ އެއްބާރުލުން ލިބެންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރު ހިންގުމުގައި ޒަމާނުއްސުރެ ގެންގުޅެމުން އައި މަރުކަޒީ ވިސްނުން ދޫކޮށް، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމާއި ހިދުމަތްތައް ދިނުމުގައި ލާމަރުކަޒީ އުސީލަށް ބަދަލުވާންޖެހޭ ކަމަށެވެ.