ލޯކަލް ކައުންސިލް އިންތިހާބުގައި ތ. ކަނޑޫދޫ ކައުންސިލުގެ ރައީސް ކަމަށް ވާދަކުރައްވާ އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓު އެ ރަށު އުސްގެ/ ހަސަން މޫސާ އިންތިހާބުގައި ވާދަކުރަން ޝަރުތު ފުރިހަމަ ނުވާކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ މި ނިންމުމާއެކު ކަނޑޫދޫ ކައުންސިލް ރައީސްގެ މަގާމަށް އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ރީހާން އިންތިހާބުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ ކަނޑައަޅައިފައެވެ.

ޕީޕީއެމްގެ ކެނޑިޑޭޓް ހަސަން މޫސާގެ ކެންޑިޑެންސީ ބާތިލުކުރީ އޭނާގެ ސާބިތު ދަރަންޏެއް އޮވެގެންނެވެ.

ހަސަން މޫސާގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ ބާތިލުކުރީ އޭނާގެ ކެންޑިޑެސީ ބަލައިގަތްކަން އޭނާއަށް އެންގުމަށް ފަހު އެވެ.

ކެންޑިޑެސީ ބާތިލުކުރީ ސާބިތު ދަރަންޏަކާ އެއްގޮތަށް ފައިސާ ނުދައްކާ ކަމަށް ބުނެއެވެ. ސުޕްރީމް ކޯޓުން އެގޮތަށް ހުކުމްކުރީ ހަސަން މޫސާގެ ފަރާތުން އެ މައްސަލަ ހުށަހެޅުމުންނެވެ.

ހަސަން މޫސާއަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު ފުރިހަމަވާ ފަރާތެއް ނޫންކަމަށް އީސީން ކަނޑައަޅާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.

އީސީން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގައި ބަޔާންކުރާ، އިންތިހާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތު، ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް ހަސަން މޫސާގެ ކިބައިގައި ފުރިހަމަނުވާކަން، އެކޮމިޝަނަށް ސާބިތުވާ ކަމަށެވެ.