ނެޝަނަލް ޑްރަގް އެޖެންސީ އިސްލާހު ކުރަން 1000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެކަން އާންމު ކުރައްވައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ނެޝަނަލް ޑްރަގް އެޖެންސީ އިސްލާހު ކުރުމަށް ގޮވާލައި، 1050 މީހުން ސޮއިކޮށްފައިވާ ޕެޓިޝަނެއް، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ.

އެ ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ ފެޓީޝަން ކޮމިޓީއަށް ފޮނުއްވާ ކަމަށާއި، އެ ޕެޓިޝަންގެ މަސައްކަތް ވީހާ އަވަހަށް ނިންމުމަށްފަހު މަޖިލީހަށް ފޮނުއްވުމަށް ކޮމިޓީގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ނެޝަނަލް ޑްރަގް އެޖެންސީއަކީ 2009 އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ތަނެކެވެ.

އެ އެޖެންސީގެ މަސައްކަތްތަކުގެ ތެރޭގައި، މަސްތުވާތަކެތި ނަހަމަގޮތުގައި ބޭނުންކުރުމުގެ ނުރައްކަލުން މީހުން ރައްކާތެރިކުރުމަށާއި، މަސްތުވާތަކެތި ނަހަމަ ގޮތުގައި ބޭނުންކުރާ މީހުންނަށް ފަރުވާދީ، ރަނގަޅުކޮށް، އަނބުރާ މުޖުތަމައަށް ގެނައުމަށް މަސައްކަތްކުރުމާއި، މަސްތުވާތަކެތި ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުމާ ބެހޭގޮތުން ރާއްޖެއިން ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް ކުރުން ހިމެނެއެވެ.

މަސްތުވާތަކެތި ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ކުރަން ޖެހޭ މަސައްކަތުގައި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުން ހޯދުމާއި އެފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާ ދީ، އެފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަން ޖެހޭ މަސައްކަތުގައި މުޖުތަމައުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމަށް ކަމާބެހޭ ހުރިހާ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން ވެސް ހިމެނެއެވެ.

މީގެ އިތުރުން މަސްތުވާ ތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދީ، މުޖުތަމައަށް އަނބުރާ ގެނައުމަށް މި ގާނޫނުގެ ދަށުން ކުރަން ޖެހޭ ކަންތައްތައް ކުރުމާއި އެކަންތައްތައް ބެލެހެއްޓުމުގެ އިތުރުން، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާ ބެހޭގޮތުން ރާއްޖޭގެ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމާއި އެކަން ކުރުމަށްޓަކައި ހިންގަން ޖެހޭ ޕްރޮގްރާމްތައް، އެހެން ދާއިރާތަކާ ގުޅިގެން ރާވައި، އިންތިޒާމްކޮށް ހިންގުންވެސް ހިމެނެއެވެ.

ނެޝަނަލް ޑްރަގް އެޖެންސީ އިސްލާހު ކުރަން ހުށަހަޅާފައި ވާއިރު، އެތަނުގެ މަސއްކަތްތާމެދު ހިތްހަމަ ނުޖެހިގެން މީގެ ދުވަސްކޮޅެއްކުރިން ބަޔަކު ވަނީ މުޒާހަރާ ވެސް ކޮށްފައެވެ.