މަޝްހޫރު ސައުތު ކޭޓްރިންގެ ވެރިޔާ، މުހައްމަދު ތައުފީގު، (ސައުތު ތައުފީގު) އަށް ބަޔަކު އިންޒާރު ދިނުމަށް ފަހު އޭނާގެ ސައިކަލްގައި ރޯކޮށްލައިފި އެވެ.
ފުލުހުން ބުނީ މާލޭ ސެންޓްރަލް ޕާކް ކައިރީގައި ޕާކް ކޮށްފައި ހުރި ސައިކަލެއްގައި އަލިފާން ރޯވެފައިވާ ކަމުގެ ރިޕޯޓު ރޭ ފަތިހު 4:01 ގައި ލިބިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދަށް ގޮސް ރޯވެފައިވާ އަލިފާން ނިއްވާލާފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ސައުތު ތައުފީގު "ވަން" އަށް މައުލޫމާތު ދެމުން މިއަދު ބުނީ އޭނާ އަށް ބަޔަކު މީގެ ކުރިންވެސް އަދި ސައިލުގައި ރޯކޮށްލުމުގެ ކުރިންވެސް މަރުގެ އިންޒާރު ދީފައިވާ ކަމަށެވެ. މަގުމައްޗަށް ނިކުތަސް އެތައް އުދަނގޫ ތަކެއް ކުރާ ކަމަށާއި ގޭގަ ފިލާ އޮތަސް "ދުއްވާލާނެ" ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ.
ނުދަންނަ ނަންބަރަކުން ގުޅައި އިންޒާރު ދީފައިވަނީ އެ މީހުންނަށް ދޭން ޖެހޭ ފައިސާތަކެއް ހުރި ކަމަށް ބުނެ އެވެ. އަދި ތައުފީގުގެ ވިޔަފާރި ފަށާފައި ވަނީ އެމީހުންގެ އަތުން ހޯދި ފައިސާއިން ކަމަށްވެސް ބުނެފައިވާ ކަމަށް ތައުފީގު ބުންޏެވެ. ނަމަވެސް އެއްވެސް މީހަކަށް ދޭން ޖެހޭ ފައިސާއެއް އަދި މީހެއްގެ އަތުން ނަގާފައިވާ ފައިސާއެއް ނޯންނާނެ ކަމަށް ތައުފީގު ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.
ތައުފީގު ބުނީ މި މައްސަލަ ފުލުހުންނަށް މީގެ ކުރިން ހުށަހަޅާފައިވާ ކަމަށެވެ އަދި މީގެ ކުރިންވެސް އޭނާ ދުއްވި ސައިކަލުގައި ބަޔަކު ރޯކޮށް އަންދާލި ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު