އުމުރުން 65 އަހަރުގެ މީހުންނަށް ދައުލަތުންދޭ އަސާސީ ޕެންޝަނާއި، ފުލުހުންނާއި ސިފައިންނަށް ލިބޭ ޕެންޝަން ފިޔަވައި، ދައުލަތުގެ އެހެނިހެން ގާނޫނުތަކުން ދެމުން އަންނަ ޕެންޝަން ދިނުން ހުއްޓާލުމަށް، ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އެވެ.
މިބިލުގައި ބުނެފައި ވަނީ މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދައުލަތުގެ ފައިސާ ހަރަދު ކުރުމުގައި ޒިންމާދާރު ގޮތެއްގައި ދައުލަތާއި މުޖުތަމައަށް އެންމެ ފައިދާހުރި ގޮތަކަށް ހަރަދު ކުރުމުގެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.
ދައުލަތުގެ މުވައްޒަފުން ވަޒީފާއިން ވަކި ވުމުން ދައުލަތުން ދޭ ޕެންޝަނާއި އެހެނިހެން އިނާޔަތްތައް ދިނުމުގެ ކަންކަން ދައުލަތުގެ ބަޖެޓުން ދެމެހެއްޓެނިވި ގޮތަކަށް ކުރުމަށްޓަކައި ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ހިދުމަތުގެ މުއްދަތަށް ބަލައި ދައުލަތުގެ ބަޖެޓުން ހަރަދު ކޮށްގެން ފޯރުކޮށްދޭ އެންމެހައި ދައުލަތުގެ އެހެނިހެން ޕެންޝަންގެ ފައިސާ، އިދާރީގޮތުން ފޯރުކޮށްދޭނީ ޕެންޝަން އޮފީހުން ކަމުގައި ހަމަޖައްސައި، އެ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން އެހެން ގާނޫނެއްގެ ދަށުން ދެމުން އައި އެހެނިހެން ޕެންޝަން ހުއްޓާލައި، ދައުލަތުގެ އެހެނިހެން ޕެންޝަން ދިނުމާ ގުޅޭ އިތުރު އުސޫލުތައް ކަނޑައެޅުމަށްޓަކައި، ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުން ވެސް ބިލު ހުށަހެޅުމުގެ ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކަމަށް ބުނެފައިވެއެވެ.
ބިލުގައި ބުނެފައިވަނީ، ދައުލަތުގެ ވަޒީފާއިން ރިޓަޔާ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ އެހެނިހެން ޕެންޝަން ލިބެމުން އަންނަ މީހަކު ދައުލަތުގެ މަގާމަކަށް އިންތިހާބު ވެއްޖެނަމަ ނުވަތަ ދައުލަތުގެ ވަޒީފާއަކަށް އައްޔަންކޮށްފިނަމަ، އެ މަގާމުގެ ނުވަތަ ވަޒީފާގެ މުއްދަތު ނިމުމަކަށް އަންނަންދެން އެ މީހަކަށް ލިބެމުންދިޔަ ދއުލަތުގެ އެހެނިހެން ޕެންޝަން ލިބުން މެދުކެނޑިގެންދާނެ ކަމަށެވެ.
ހިދުމަތުގެ މުއްދަތަށް ބަލައި، މި ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން ސިފައިންގެ ގާނޫނާއި ފުލުހުންގެ ގާނޫނު ފިޔަވައި، އެހެން ގާނޫނެއްގެ ދަށުން ދައުލަތުގެ އެކި އިދާރާތަކުން، ނުވަތަ މުއައްސަސާތަކުން، ދެމުންދިޔަ ދައުލަތުގެ އެހެނިހެން ޕެންޝަން، މި ގާނޫނަށް އަމަލު ކުރަން ފެށުމާއެކު، އެ އިދާރާތައް ނުވަތަ މުއައްސަސާތައް މެދުވެރިކޮށް ދިނުން ނިމުމަކަށް އަންނާނެ ކަމަށްވެސް ބުނެފައިވެއެވެ.
މެދު ނުކެނޑީ ދައުލަތަށް 20 އަހަރު ދުވަހުގެ ހިދުމަތްކުރާ ކޮންމެ ފަރާތަކަށް ޒަމާނުއްސުރެން އަންނަނީ ޕެންޝަން ފައިސާ ދެމުންނެވެ. އަދި 40 އަހރު ދުވަހު ހިުދމަތްކުރާ ފަރާތްތަކަށް ދެ ޕެންޝަނުގެ ގޮތުގައި ކޮންމެ މަހަކު އެކަމަށް ހާއްސަ އުޖޫރައެއްް އަންނަނީ ދެމުންނެވެ. އޭގެ އިތުރުން، މޯލްޑީވްސް ކަސްޓަމްސްގައި ހިުދމަތް ކުރާ ފަރާތްތަކަށްވެސް ހާއްސަ ޕެންޝަނެއް އަންނަނީ ދެމުންނެވެ. ގާނޫނަށް މި އިސްލާހު ގެނައުމުން، އެ ޕެންޝަންތައް ކެނޑީގެންދާނެ އެވެ.
ނަމަވެސް ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޝަރަފުވެރިކަމާއެކު ވަކިވާ ފަރާތްތަކަށް ދެވޭނެކަމަށް އެ ގާނޫނުގައި ކަނޑައަޅާފައިވާ މާލީ އިނާޔަތް މި މާއްދާއިން އިސްތިސްނާ ވާނެކަމަށް ބިލުގައި ބުނެފައިވެއެވެ.
އަސާސީ ޕެންޝަން ލިބެމުން އަންނަ މީހަކު ދައުލަތުގެ މަގާމަކަށް އިންތިހާބު ވެއްޖެނަމަ ނުވަތަ ދައުލަތުގެ ވަޒީފާއަކަށް އައްޔަންކޮށްފި ނަމަ އެމީހަކު އެ މަގާމުގައި ދެމިހުންނަ މުއްދަތަށް އަސާސީ ޕެންޝަން ލިބުން މެދުކެނޑިގެންދާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެެވެ.
މި ގާނޫނަށް އަމަލު ކުރަން ފެށުމުގެކުރިން ދައުލަތުގެ ވަޒީފާއިން ރިޓަޔާ ކޮށްފައިވާ ފަރާތްކަށް، ހަމަޖެހިފައިވާ އުސޫލުން ލިބެމުންދިޔަ ދައުލަތުގެ އެހެނިހެން ޕެންޝަން، ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން ޕެންޝަން އޮފީހުން ފޯރުކޮށްދޭންވާނެ ކަމަށްވެސް ބިލުގައި ވެއެވެ.
މި ގާނޫނަށް އަމަލު ކުރަންފެށުމަށްފަހު ހިދުމަތުގެ މުއްދަތަށް ބަލައި ދައުލަތުގެ ބަޖެޓުން ހަރަދު ކޮށްގެން ފޯރުކޮށްދެވޭ އެންމެހައި ދައުލަތުގެ އެހެނިހެން ޕެންޝަންގެ ފައިސާ އިދާރީ ގޮތުން ފޯރުކޮށްދޭނީ ޕެންޝަން އޮފީހުން ކަމަށްވެސް ބުނެފައިވެއެވެ.
މި ގާނޫނުގައި ބަޔާންކޮށްފައިވާ ދައުލަތުގެ އެހެނިިހެން ޕެންޝަންގެ ފައިސާ އިދާރީގޮތުން ފޯރުކޮށްދިނުމުގައި އަމަލު ކުރާނެ އެންމެހައި އުސޫލުތައް ޕެންޝަން އޮފީހުގެ ބޯޑުން ކަނޑަޅަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ފިނޭންސް އާއި ޕެންޝަން އޮފީހާ ދެމެދު އެއްބަސްވާ ގޮތެއްގެމަތިން، ކޮންމެ މަހަކު ދައުލަތުގެ އެހެނިހެން ޕެންޝަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ، މިނިސްޓްރީ އޮފް ފިނޭންސުން ޕެންޝަން އޮފީހަށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސަންވާނެ ކަމަށާއި، މިގާނޫނުން އިސްތިސްނާ ކޮށްފައިވާ ގާނޫނުތައް ފިޔަވައި، އެހެން ގާނޫނެއްގެ ދަށުން ވަޒީފާއިން ވަކިވާ، ނުވަތަ ވަކި ކުރެވޭ ފަރާތްތަކަށް މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ދައުލަތުގެ އެހެނިހެން ޕެންޝަން ނުވަތަ އިނާޔަތްތައް ދެވޭނެ ގޮތާއި މިންވަރުތައް ކަނޑައަޅާނީ ނެޝަނަލް ޕޭކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކަށް ބިނާކޮށް ފިނޭންސް މިނިސްޓްރީން ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް