ސަތޭކަ އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑްތަކާއެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ގއ. ދެއްވަދުއަށް މިއަދު ތައާރަފުކޮށްފިއެވެ.
އުރީދޫން ބުނީ ހަލުވި ސްޕީޑްތަކާއި، ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްތަކުގެ އިތުރުން ދެއްވަދޫން ސުޕަނެޓްގެ ހިދުމަތް ހޯދާ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސް ވެސް ލިބިގެންދާނެ ކަމަށެވެ.
އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފެންވަރު ރަނގަޅު އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދިނުމަކީ އެންމެ މުހިންމުކަމެއްކަމުގައި ދެކިގެން އެކުންފުނިން ކުރާ މަސައްކަތުގެ ތެރެއިން އުރީދޫ ހޯމް ބްރޯޑްބޭންޑް، ސުޕަނެޓްގެ ހިދުމަތް ދެއްވަދުއަށް މިއަދު ތައާރަފުކުރެވިފައިވާ ކަމަށެވެ.
"ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް ހިދުމަތް މެދުވެރިކޮށް ހޯދޭ ގިނަ ފައިދާތަކާއި ދެއްވަދޫގެ ރައްޔިތުން ގުޅުވައިދެވުމަކީ، އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ދިވެހި ރައްޔިތުންނަށް އިގުތިސޯދީ އަދި އިޖުތިމާއީ ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރިއަށްގެންދާނެކަމުގެ ޔަގީންކަން އަރުވަން،" ނިޔާޒު ވިދާޅުވިއެވެ.
އުރީދޫން ބުނީ ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އެކުންފުނިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން އުރީދޫ ސުޕަނެޓް ޕެކޭޖުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އަޕްގްރޭޑްކޮށްފައިވާ ކަމަށާއި އެ ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 68 ޕަސަންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑުވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.
އެގޮތުން ދެއްވަދޫގެ ރައްޔިތުންނަށް އެންމެ ހެޔޮއަގުގައި އިންޓަނެޓުގެ ހިދުމަތް، ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެ ކަމަށް ވެސް އުރީދޫން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު