ކޮވިޑުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމުގައި ތިމާވެއްޓާ ރައްޓެހި ވިޔަފާރީގެ ޕްރެކްޓިސްތައް ޕްރޮމޯޓްކުރަން ޖެހޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަން އާއި ބާބެޑޯސްގެ ދާއިމީ މިޝަން ގުޅިގެން ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގައި ވިޔަފާރި އާއި ތިމާވެއްޓާ ގުޅޭ ގޮތުން ބޭއްވި ހައި-ލެވެލް ވާޗުއަލް ބައްދަލުވުމުގައި މިއަދު މިނިސްޓަރު ޝާހިދު ވިދާޅުވީ، ދުނިޔެ ހޫނުވުމާއި ގުދުރަތީ ކާރިސާތަކާއި ކަނޑުގެ ދިރުންތައް މަރުވުމާއި ކަނޑުގެ ލޮނުގަނޑު އުސްވުންފަދަ ކަންކަމުގެ ސަބަބުން ޖަޒީރާ އާބާދިތަކާއި އައްސޭރިފަށުގައި ދިރިއުޅޭ އާބާދީތަކުން އާމްދަނީ ހޯދަން ކުރާ މަސައްކަތްތަކަށް އޭގެ ނޭދެވޭ އަސަރުކޮށް، ކުރިމަގަށް އެކަމުގެ ސަބަބުން ހުރަސް އެޅޭ ކަމަށެވެ.

މިހާރު ގިނަވަމުން އަންނަ ގުދުރަތީ ކާރިސާތަކާ ކުރިމަތިލުމަށް ކުދި ޖަޒީރާ ގައުމުތައް ފުރިހަމައަށް ތައްޔާރު ނުވާ ކަމަށާއި އެގޮތުން ކުދި ޖަޒީރާ ގައުމުތަކުން އާމްދަނީ އާއި ވަޒީފާއަށް ބަރޯސާވަނީ ސާފު، ދެމެހެއްޓެނެވި ތިމާވެއްޓާ ގުޅިފައިވާ ކަންކަމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ކޮވިޑުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމުގައި ތިމާވެއްޓާ ރައްޓެހި ގޮތްތަކެއް ގެންގުޅުމަށް ކުރެވޭ މަސައްކަތުގައި ތިމާވެއްޓާ ރައްޓެހި ވިޔަފާރީގެ ޕްރެކްޓިސްތައް ޕްރޮމޯޓްކުރަން ޖެހޭ. އެގޮތުން ޒަމާންތަކެއް ވަންދެން ރާއްޖޭގައި މަސްވެރިކަން ކުރަމުން އަންނަނީ ދެމެހެއްޓެނިވި ގޮތެއްގައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މަސްވެރިން ބާނާ އެއްވެސް އެއްޗެއް އުކާ ނުލައި، ކޮންމެ އެއްޗަކީ ކޮންމެވެސް ބޭނުމެއް ހިފޭ އެއްޗެއް ކަމަށެވެ. އަދި ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކުރެވޭ މަސްވެރިކަމުން ބާނާ މަހުގެ ބާވަތްތަކަށް ބައިނަލްއަގުވާމީ ބާޒާރުގައި ފުރުސަތު ހޯދައިދިނުމަށް ވިޔަފާރީގެ ސިޔާސަތުތައް ކަނޑައެޅުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ކޮވިޑުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރަމުން އަންނަ މި ދަނޑިވަޅުގައި ބައިނަލްއަގުވާމީ ފަރާތްތަކާއި ޕްރައިވެޓް ސެކްޓާ އިންވެސް ކުދި ޖަޒީރާ ގައުމުތަކުން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް މަގުފަހިކޮށްދީ، ހަކަތަ އިގުތިސޯދުކޮށް، ހަކަތަ އިމްޕޯޓްކުރުން މަދުކުރުމަށް އެހީތެރިވާން ޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.