ދިވެހިރާއްޖޭގެ ތާރީޚު

ސުންޕާ ފަނޑިޔާރެއްގެ ސުންޕާ ނިމުން

މުހައްމަދު ނާޖިހު

ދިވެހި ތާރީހުގެ ފަތްފުށްތަކުން އަޅުގަނޑުމެންނަށް ތަފާތު އެކި ވައްތަރު ވައްތަރުގެ ފަނޑިޔާރުންގެ މައުލޫމާތު ލިބެއެވެ. ފަނޑިޔާރަކީ ގައުމުގެ އަދުލު އިންސާފު ގާއިމުކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ މީހަކަށް އޮންނަ މަގާމަށް ދިވެހި ބަހުން ކިޔަމުން އަންނަ ނަމެކެވެ. މި މަގާމަކީ އަރަބި ބަހުން قاضى އޭ މިކިޔާ މަގާމެވެ. ގާޒީ ނުވަތަ ފަނޑިޔާރަކީ މިދެންނެވި އަދުލު އިންސާފު ގާއިމުކުރުމުގެ މަސްއޫލިއްޔަތުގެ އިތުރުން ދީނީ ކަންކަމުގައިވެސް ފަހުބަސް ބުނާ މީހާއެވެ. އެގޮތުން އޭނާއަކީ ގައުމުގެ މުފްތީވެސްމެއެވެ. މީލާދީން 14 ވަނަ ގަރުނުގެ ތެރޭގައި ދިވެހިރާއްޖެއަށް ދުރުވެ ދިވެހިރާއްޖޭގެ ފަނޑިޔާރުކަންކުރެއްވި އިބްނުބަތޫތާގެ ދަތުރުނާމާގައި ދިވެހިރާއްޖޭގެ ވާހަކައިގެ ތެރޭގައި ލިޔުއްވާފައިވާ ގޮތުން ފަނޑިޔާރުގެ މަގާމަކީ ވަރަށް ބާރުގަދަ މަގާމެކެވެ. ދިވެހިރާއްޖޭގެ ކަންކަމުގެ ވެރީންގެ ވާހަކަ ލިޔުއްވަމުން އޭނާ ލިޔުއްވާފައިވެއެވެ. ގާޒީއަށް ކިޔަނީ ފަނޑިޔާރު ކަލޯއެވެ. އެބައިމީހުންގެ މައްޗަށް ޝަރުއީ ހުކުންތައް ކުރާ މީހަކީ ގާޒީއެވެ. އެހެން އެންމެންނަށްވުރެ އޭނާގެ ދަރަޖަ، އެބައިމީހުންގެ ގާތުގައި މަތިވެރިއެވެ. އޭނާގެ އަމުރު ރަނިކަމަނާގެ (ރެހެންދި ހަދީޖާ) އަމުރުފުޅުތަކާ އެއްފަދައެވެ. ނުވަތަ އެއަށްވުރެ ގަދަފަދައެވެ. އޭނާ ޝަރީއަތްކުރައްވަން އިންނަވަނީ ގަނޑުވަރުތެރޭގައި އޮންނަ ދޫލައެއްގެ މަތީގައެވެ. އޭނާއަށް ތިން ރަށް އޮވެއެވެ. އެ ރަށްރަށުން ލިބޭ އާމްދަނީ އޮންނަނީ އޭނާއަށެވެ.

މިޒަމާނުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމެއް އޮވެފައި، އޭގެ ދަށުން ފަނޑިޔާރުންނާއި ގާޒީންނާއި މެޖިސްޓުރޭޓުން ތިބި ކަމުގައިވިޔަސް ވަރަށް ފަހާ ޖެހޭންދެން ރާއްޖޭގައި ހުންނެވީ އެންމެ ފަނޑިޔާރެކެވެ. އޭނާގެ ދަށުން މާލޭގައްޔާއި ރާއްޖޭގެ އެހެން ރަށްރަށުގައި ޝަރީއަތްކުރައްވާން ތިއްބަވަނީ ނާއިބު ބޭކަލުންނެވެ. އާދެ، ފަނޑިޔާރުގެ ނާއިބުންނެވެ. މިޒަމާނުގެ ގޮތުންނަމަ އެއީ ގާޒީންނާއި މެޖިސްޓްރޭޓުންނެވެ. ކޮންމެއަކަސް އެޒަމާނުގައި ދިވެހިރާއްޖޭގެ ފަނޑިޔާރުގެ މަގާމަކީ ބާރުގަދަ މަގާމެކެވެ. އިބްނުބަތޫތާގެ އެ ލިޔުއްވުމުގެ އިތުރުން ފަނޑިޔާރުގެ ބާރުގަދަކަން ދޭހަވާ ވަރަށް ގިނަ މިސާލުތައް ތާރީހުން ފެންނަން އެބަހުއްޓެވެ. ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި ބައެއް ރަސްރަސްކަލުންނަކީވެސް ކުރިން ފަނޑިޔާރުކަން ކުރައްވާފައި ފަހުން ރަސްކަން ކުރެއްވި ބޭބޭފުޅުންނެވެ. އެހެންނަމަވެސް ފަނޑިޔާރުންގެ ތެރޭގައި އާރެއް ބާރެއް ނެތް ފަނޑިޔާރުންވެސް ތާރީހުން ފެނެއެވެ. ގައިގައި ކަފަބަނދެ ރޯކޮއްލި ފަނޑިޔާރެއްގެ ވާހަކަވެސް ތީގެ ތެރެއިން ބައެއް ބޭފުޅުން އައްސަވާނެއެވެ.

ފަނޑިޔާރުންގެ ތެރޭގައި ނިކަމެތި ފަނޑިޔާރުންނާއި، ބާރުގަދަ ފަނޑިޔާރުން ތިއްބެވި އިރު އަދުލުވެރި ފަނޑިޔާރުންނާއި ފާސިދު ފަނޑިޔާރުން، އާދެ މިޒަމާނުގެ ބަހުރުވައިންނަމަ ކޮރަޕްޓު ފަނޑިޔާރުންވެސް އުޅުއްވިއެވެ. ރަސްގެފާނަށާއި ގައުމަށް ވަފާތެރި ފަނޑިޔާރުންނާއި ރަސްގެފާނާއި ގައުމަށް ގައްދާރުވި ފަނޑިޔާރުންވެސް ތިއްބެވިއެވެ. ދަންބެރަށްވުރެ ތަގުޑި ދިގުނުކޮށް ކުރިޔަށް ދާނަމެވެ. ދައްކަން މިއުޅޭ ވާހަކައަކީ މީލާދީން 18 ވަނަ ގަރުނުގެ މެދުތެރޭގައި ދިވެހިރާއްޖޭގައި ފަނޑިޔާރުކަން ކުރެއްވި ބޭކަލެއްގެ ވާހަކައެވެ. ދިޔަމިގިލީ ބަންޑާރައިން، އާދެ، އައްސުލްތާނު މުޒައްފަރު މުހައްމަދު އިމާދުއްދީންގެ އަމުރުފުޅަށް ދިވެހި ތާރީހު ލިޔުއްވަންފެއްޓެވި ހަސަން ތާޖުއްދީން ފަނޑިޔާރު ކަލޭގެފާނުންގެ ފުތް މުހައްމަދު ޝަމްސުއްދީން ފަނޑިޔާރު ކަލޭގެފާނުގެ ވާހަކައެވެ.

އައްސުލްތާނު އިބްރާހީމް އިސްކަންދަރު (2) ގެ ރަސްކަމުން 5 ވަނަ އަހަރަށްވި ހިޖުރައިން 1139 ގެ ރަޖަބު މަހުގެ 6 ވީ ހުކުރު ދުވަހު ހަސަން ތާޖުއްދީން ފަނޑިޔާރު ކަލޭގެފާނު ނިޔާވިއެވެ. އެކަލޭގެފާނު ނިޔާވުމުން އެމަހުގެ 15 ވަނަ ދުވަހު އެކަލޭގެފާނުގެ ދޮށީ ދަރިކަލުން، އުމުރުން 35 އަހަރުގެ މުހައްމަދު ކަތީބު ކަލޭގެފާނަށް މުހައްމަދު ޝަމްސުއްދީނޭ ކިޔައި ފަނޑިޔާރުކަމާ މަތިކުރެއްވިއެވެ. އެއީ މީލާދީން 1727 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހެވެ. އޭގެ ފަހުން ހަމަ އެއަހަރުގެ ޝައްވާލު މަހުގެ 15 ވަނަ ދުވަހު ހަސަން ތާޖުއްދީނުގެ ދެވަނަ ދަރިކަލުން އަހުމަދު މުހިއްދީނަށް ކަތީބުކަމުގެ މަގާމު ދެއްވިއެވެ. އޭރު އޭނާގެ އުމުރަކީ 14 އަހަރެވެ. އަހުމަދު މުހިއްދީން ކަތީބު ކަލޭގެފާނު ފަހުން އިބްރާހީމް ރަސްގެފާނުގެ ފާތުމާ ރަނިކިލަގެފާނާ ކައިވެނި ބައްލަވައިގެން ކަތީބު މަނިކުފާނަކަށްވީއެވެ.

މުހައްމަދު ޝަމްސުއްދީން ފަނޑިޔާރު ކަލޭގެފާނުގެ ސުންޕާކަމުގެ މުސީބާތް ދިވެހީންނަށް ޖެހުނީ 29 އަހަރު ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވުމަށްފަހު ހިޖުރައިން 1163 ވަނަ އަހަރުގެ ރަބީއުލްއައްވަލު މަހުގެ 18 ވީ ބުދަވިލޭރޭ އިބްރާހީމް ރަސްގެފާނު އަވަހާރަވެ، ރަސްކަމަށް އެރަދުންގެ ކޮއްކޯފުޅު އަލީ ފާށަނާ ކިލަގެފާނު އިސްވެވަޑައިގެންނެވި ހިސާބުންނެވެ. މި އަލީ ފާށަނާ ކިލަގެފާނަކީ ދިޔަމިގިލީ ބަންޑާރައިންގެ ހަގުދަރިކަލުންނެވެ. ރަސްކަމަށް އިސްވެވަޑައިގެންނެވީ އައްސުލްތާނު މުކައްރަމް މުހައްމަދު އިމާދުއްދީނުގެ ނަންފުޅުގައެވެ. މިރަދުން ރަސްކަމަށް އިސްވެވަޑައިގެންނެވި އިރު އިބްރާހީމް ރަސްގެފާނުގެ ދަރިކަލުން މުހައްމަދު މަނިކުފާނުގެ އުމުރުފުޅުން 17 އަހަރެވެ. އެހެންވީމާ ބައްޕާފުޅުގެ ފަރާތުން ވާރުތަވެގެން ލިބެން އޮތް ރަސްކަން ލިބިވަޑައިގަތީ ބޮޑުބޭބޭފުޅަށެވެ. އެހެންވީމާ އިބްރާހީމް ރަސްގެފާނުންގެ އާއިލާގެ ތެރޭގައްޔާއި އަދި އިބްރާހީމް ރަސްގެފާނަށް ވަފާތެރި ބޮޑުންގެ ތެރޭގައިވެސް ހިތްހަމަނުޖެހުންތަކެއް އުޅޭނޭކަން ކަށަވަރެވެ. އޭގެ ތެރެއިން އެއްބޭކަލަކީ ފަނޑިޔާރު ކަލޭގެފާނެވެ. އާދެ މުހައްމަދު ޝަމްސުއްދީނެވެ. އަދި އޭނާގެ ކޮއްކޮ އަދި ހަމަ އެހެންމެ އިބްރާހީމް ރަސްގެފާނުންގެ ދަނބިދަރިކަލުން އަދި މުހައްމަދު މަނިކުފާނުގެ ޅިޔަންބޭބެ އަހުމަދު މުހިއްދީން ކަތީބު މަނިކުފާނެވެ. މި ސުންޕާ ފަނޑިޔާރު ކަލޭގެފާނުގެ ސުންޕާކަމުގެ މުސީބާތް މި ދިވެހިރާއްޖެއަށް ތަހައްމަލުކުރަންޖެހުނީ މި ދެންނެވި ސަބަބާ ހުރެއެވެ. އަދި އޭގެ ތެރެއިން ވެރިކަމުގެ މައްޗަށް އުފެދުނު ދަހިވެތިކަމެއްގެ ސަބަބުންނެވެ.

ފަނޑިޔާރު ކަލޭގެފާނުގެ ފުށުން މެދުވެރިވީ މުސީބާތަކީ ދިވެހިރާއްޖޭގެ ރަސްގެފާނު އައްސުލްތާނު މުކައްރަމް މުހައްމަދު އިމާދުއްދީން، އާދެ ކޮރުބަންޑާރައިންނާ ދިވެހިރާއްޖޭގެ ރައްޔިތުންނާ ހިތާއިހަމަނުވެޔޭ ކިޔައި އެތަކެއް ދޮގުތަކެއް ހައްދަވައިގެން ކަންނަންނޫރު އަލީރާޖާއަށް ފަތެއް ފޮނުވީއެވެ. ރަސްގެފާނު ދީނުގައި ނަހީކުރައްވާފައިވާ ކަންތައްތައް ކުރަނިއްޔޭ، ރަސްގެފާނުންގެ އަމަލުތަކާ ހުރެ ދިވެހިރާއްޖެ އިސްލާމްދީނަށް އޮންނާކަށް ނެތްކަމަށާއި މިފަދަ އެތަކެއް ދޮގުތަކެއް ހައްދަވާފައިވާ ކަމަށް ދިވެހި ތާރީހުގައި ލިޔެވިގެންވެއެވެ. ދީން ހަތިޔާރަކަށް ހަދައިގެން ތިމާމެން ހާސިލުކުރަން ބޭނުންވާ ކަންކަން ހާސިލުކުރަން މަސައްކަތްކުރުމަކީ އަބަދުމެ ހުރިހައި ތަނެއްގައި އޮތްކަމެކެވެ. ފަނޑިޔާރު ކަލޭގެފާނުވެސް ކުޅުއްވީ މިކުޅިއެވެ. ކޮންމެއަކަސް އޭނާ ފޮނުއްވި ފުރަތަމަ ފަތަށް އަލީރާޖާގެ ސަމާލުކަމެއް ނުލިބުނެވެ. ދެން އޭގެ ފަހުން އަނެއްކާވެސް ދެވަނަ ފަތެއް ލިޔުއްވިއެވެ. އޭގައި މިހާރު މާލޭގެ ރައްޔިތުން ފިތުނަވެރިވެ ރޭގަނޑުގައި ރަށް ބަލަހައްޓާން ނުތިބޭ ކަމަށާއި އަލީރާޖާ ލަސްކަރީންނާއި ހަތިޔާރު ފޮނުއްވައިފިނަމަ ދިވެހިރާއްޖެ ހިފައި މިލްކުކޮށްދޭން ތިމަންކަލޭގެފާނު ހަވާލުވެލައްވާނެކަމަށް ލިޔުއްވިއެވެ. މިއަށް ފަހު މިއަދާވާތްތެރިޔާގެ މުސީބާތް ގައުމަށް ޖެހުނެވެ.

ފަނޑިޔާރު ކަލޭގެފާނުންގެ ފަތް ވިދާޅުވުމަށްފަހު ދިވެހިރާއްޖޭގެ ރަސްގެފާނަށް ވެދުމާއިގެން އަންނަ ބަޔަކަށް ހަދައި އަލީރާޖާ އޭނާގެ ލަސްކަރީންގެ ތެރެއިން ބަޔަކު ހަތިޔާރާއެކީ ނަވަކާއި ދެ ފުރައްދެ އޮޑީގައި ދިވެހިރާއްޖެއަށް ފޮނުއްވިއެވެ. ދެން މިބައިމީހުން އައި ނާ މާލެ ނުފެންނަ ހިސާބުގައި އެޅުމަށްފަހު ދެ ފުރެއްދެ އޮޑީގައި އައިސް މާލޭގެ ކަނޑިންމަ ތަޅުނުލައި ހުއްޓައި ކަނޑިންމައިން އެތެރެއަށް ވަދެ ރޭގަނޑުގެ ތިންވަނަ ދަމުގައި، އާދެ 12 ޖެހިފަހުން މާލެ އަރައި މިބައިމީހުންގެ އެކުވެރި ފަނޑިޔާރު ކަލޭގެފާނާ ބައްދަލުކުރިއެވެ. ދެން މިފަނޑިޔާރު ކަލޭގެފާނާއި އެކަލޭގެފާނުގެ ބައިވެރިން ހޮޅީންގެ މީހުން ގޮވައިގެން ސިއްރިޔާތުގައި ކޯއްޓޭއަށް ވަދެ ބަޑިބޭސް ކޮށާރުތަކުގައި ހުޅުޖެހިއެވެ. އަދި އެއަށްފަހު ރަސްކަމުގެ ބޮޑުގަނޑުވަރުތެރެއަށް ވަދެ ހަމަލަދޭން ފެށިއެވެ. މިކަންތައްގަނޑުގެ ތެރެއިން ރަސްގެފާނާއި ރަސްގެފާނުންގެ އަރިހުގައި ތިއްބެވި ބަޔަކު ސިއްރިޔާތުގައި ގަނޑުވަރުން ނިކުމެވަޑައިގެން އެރަދުންގެ މާފަންނުގަނޑުވަރަށް ވަޑައިގެންނެވިއެވެ. އަދި އެއަށްފަހު ވަޒީރުންނާއި ދިވެހި ލަސްކަރީން ފޮނުއްވައި އަދާވާތްތެރީންނާ ތޮޅެ އެމީހުން ގަނޑުވަރުން ނެރެލެއްވިއެވެ. އެމީހުން ގަނޑުވަރުން ނުކުމެގެން ދަމުން ގަނޑުވަރުގެ ނާބުސްހާނުގައި ހުޅުޖެހިއެވެ. މީގެ ސަބަބުން ގަނޑުވަރިގެ ގޯތީގައި ހުރި އިމާރާތްތަކާއި ދޮރޯށިތަކާއި އެކު އަނދައި އަލިފާންގަނޑު މުޅި މާލެއަށް ފެތުރި މާލެއިން ދެބައިކުޅަ އެއްބައި ގޯތިވެސް އަނދައި މުޅި މާލެ ސުންނާފަތިވިއެވެ. މިކަމުގައި ފަނޑިޔާރު ކަލޭގެފާނު ޝާމިލުވެ އުޅުއްވާކަމެއް ރަދުންނަށް އޭރު އެނގިވަޑައެއް ނުގަންނަވައެވެ.

މިހުރިހާ ކަމެއް ހިނގުމާއެކުވެސް ރަސްގެފާނު ގަސްތުފުޅުކުރެއްވީ ގައުމަށް އަރައި އުޅޭ މަލާބާރީންނާ ހަނގުރާމަކުރައްވައި ގައުމު ދިފާއުކުރެއްވުމަށެވެ. އެހެންނަމަވެސް ރަސްގެފާނު ހުންނެވި މާފަންނުގަނޑުވަރަށް އެއްކަލަ ފަނޑިޔާރު ކަލޭގެފާނު ދުރުވެ އޭނާގެ ހީލަތްތެރިކަމުން އެކަން ހުއްޓުވިއެވެ. މިގޮތުން ރަސްގެފާނުން މިކަލޭގެފާނުގެ ލަފައެއް އެއްސެވީމާ ލަފާދެއްވީ ހަނގުރާމަ ނުކުރެއްވުމަށެވެ. ބުނުއްވީ އެއީވެސް އިސްލާމުންކަމަށާއި މިކަމުގައި އެންމެ ރަނގަޅު ގޮތަކީ އެބައިމީހުންނާ ސުލްހަވުންކަމަށެވެ. ދެން ލަސްކަރީންނާއި ހަތިޔާރާ ނުލައި ރަސްގެފާނު ތިމަންކަލޭގެފާނާއެކު އެބައިމީހުންގެ ގާތަށް ވަޑައިގެންފިނަމަ ތިމަންކަލޭގެފާނު ދެބައިމީހުންގެ މެދުގައި ސުލްހަ ގާއިމުކޮށްދެއްވައިފާނަމޭ ބުނުއްވައި އެބަހަށް ރަސްގެފާނު އެއްބަސްކުރުއްވައިފިއެވެ. ދެން ރަސްގެފާނު މިފަނޑިޔާރު ކަލޭގެފާނުގެ އަރިހުގައި ހޮޅީން ތިބިތަނަށް ވަޑައިގެންނެވީއެވެ. އަރިހުގައި އިބްރާހީމް ރަސްގެފާނުންގެ މުހައްމަދު މަނިކުފާނާއި ރަސްގެފާނުގެ ދެ ވަޒީރުންނާއި ހައްދާމަކާއި އަދިވެސް ބޭފުޅުންކޮޅެއް ވަޑައިގެންނެވިއެވެ. އެކަމަކު ސުލްހައިގެ ނަމުގައި ރަދުންނަށް ވަދެވަޑައިގެންނެވުނީ ފަނޑިޔާރު ކަލޭގެފާނުގެ ހީލަތުން ހެއްދެވި ދަންތުރައެއްގެ މެދަށެވެ. އެތަނަށް ވަޑައިގެންނެވުމާއެކު އަނިޔާވެރި މަލާބާރީންގެ މީހުން ރަސްގެފާނާއި މުހައްްމަދު މަނިކުފާނާ ދެބޭފުޅުން ހިފައި ހައްޔަރުކޮށްގެން ގެންގޮސް އެމީހުންގެ އޮޑިޔަކަށް ލީއެވެ. އަދި އެދެބޭފުޅުން އެކަނިވެރި ނުކުރައްވާން އަރިހުގައި ތިމަންމެންވެސް ދާނަމޭ ބުނުއްވައި ހުރާ ވަޒީރު މުހައްމަދު ފާމުލަދޭރި ތަކުރުފާނާއި، އޭނާގެ ފުތް ހުސައިން މަނިކާއި، ވަޒީރު މުހައްމަދު ވެލާނާ ތަކުރުފާނާއި، ރަސްގެފާނުންގެ ހައްދާމުންކުރެ މުރުއްބާ މުހައްމަދު ކަލޭގެފާނި މިބޭބޭކަލުންވެސް އޮޑިޔަށް އެރުއްވިއެވެ.

އައްސުލްތާނު މުކައްރަމް މުހައްމަދު އިމާދުއްދީނުގެ ރަސްކަމުން 2 އަހަރާއި 10 މަސް ދުވަސްފަހުން، މުހައްމަދު ޝަމްސުއްދީން ފަނޑިޔާރު ކަލޭގެފާނުގެ ހީލަތުން ރަސްގެފާނު ހައްޔަރުކޮށްގެން މަލާބާރީންގެ މީހުން އެއުރެންގެ އޮޑީގައި މަލާބާރުކަރައަށް ގެންގޮސްފިއެވެ. އެއަށްފަހު މާލޭގައި ވެރިވެ ތިބި މަލާބާރީންގެ މީހުން މި މުހައްމަދު ޝަމްސުއްދީނަކީ މިބައިމީހުންގެ ވެރިޔާ ކަމުގައި އިސްކޮށްގެން އޭނާއަށް ބައިއަތު ހިފައިފިއެވެ. މިދެންނެވިދިޔަ ދުވަސްވަރު ފަނޑިޔާރު ކަލޭގެފާނާ ގާތްކުރައްވައިގެން ވާގިދެއްވާ ބޭފުޅަކު ކަމުގައި ގެންގުޅުއްވީ އޭނާގެ ކޮއްކޮ އަހުމަދު މުހިއްދީން ކަތީބު މަނިކުފާނެވެ. މަލާބާރީންގެ މީހުން ދިވެހިރާއްޖޭގެ މައްޗަށް ހިންގަން ފެއްޓި ވެރިކަމުގައި އިސްވެރިޔަކަށް މުހައްމަދު ޝަމްސުއްދީން ފަނޑިޔާރު ކަލޭގެފާނު ލައިގެން އުޅުނެއް ކަމަކު އެބައިމީހުން އޭނާއަކަށް އިތުބާރެއް ނުކުރިއެވެ. ސަބަބަކީ އޭނާއަށް ފަނޑިޔާރުކަން ދެއްވައި، މާތްކޮށް ހިއްތަވައި، ލަފާ އައްސަވާ ބޭކަލަކު ކަމުގައި އިތުބާރު ދެއްވައިގެން ގެންގުޅުއްވި ރަސްގެފާނަށް ހަރާންކޯރުވީ މީހަކު އެބައިމީހުންނަށްވެސް ހަރާންކޯރުވެދާނެތީއެވެ. އެހެންކަމުން މިކަލޭގެފާނު ވެރިކަމުގައި ބަހައްޓައިގެން މިބައިމީހުން މާ ގިނަދުވަހަކު ތިބޭކަށް ބޭނުމެއް ނުވިއެވެ. އެގޮތުން އެކަލޭގެފާނުގެ ބޮލުގައި އެބައިމީހުންނަށް ސިހުރުހައްދަވާ ކަމުގެ ތުހުމަތު އަޅުއްވައި އެކަލޭގެފާނާއި އެކަލޭގެފާނުންގެ ކޮއްކޮ އަހުމަދު މުހިއްދީން މަރައި ކަނޑުފެއްތީއެވެ. އަދި އެއަށްފަހު މަލިކު މުހައްމަދު ބަނޑޯރު މަނިކު އެމީހުންގެ ވެރިޔަކަށް ލައިގެން އަލީރާޖާ ނަމުގައި ތާނިޔާ ކިޔައި ދިވެހިރާއްޖޭގައި އަލީރާޖާގެ ވެރިކަން ހިންގަން ފެށީއެވެ.

މުހައްމަދު ޝަމްސުއްދީން ފަނޑިޔާރު ކަލޭގެފާނާއި އޭނާގެ ކޮއްކޮ އަހުމަދު މުހިއްދީނުގެ މަރަށްފަހުވެސް އެކަލޭގެފާނުގެ ސުންޕާކަމުގެ މުސީބާތް ގައުމަށް ދިޔައީ ލިބެމުންނެވެ. މަލާބާރީންގެ އަނިޔާވެރި ވަކިތަކުގެ ޝިކާރައަކަށް ދިވެހީންވެ، ދިވެހި ގައުމުގެ ރަސްގެފާނުންގެ ދެލޯފުޅު ކޮނެލައި އެތައް އަނިޔާއެއް ދީ، ވަލީ އަހުދު މުހައްމަދު މަނިކުފާނާއި ދެންވެސް ގެންދިޔަ ބޭކަލުން ހުރަގެއަށް ލެވުނެވެ. އެނިކަމެތި ހާލުގައި ރަސްގެފާނާއި ދެ ވަޒީރުންނާއި ހައްދާމު ކަލޭގެފާނު ނެތިދިޔައީއެވެ. ގައުމުގެ މިނިވަންކަން ގެއްލި ބޭރުކަރައެއްގެ އިސްތިއުމާރުގެ ދަށަށް ގައުމު ދިޔައީއެވެ. އެކަމަކު މާތްރަސްކަލާނގެ ހެޔޮރަހުމަތުން، އޭގެ 4 މަހެއްހާ ދުވަސްފަހުން، މުލީގެ ދޮން ހަސަން މަނިކާއި އޭނާގެ ބައިވެރީން މެދުވެރިކުރައްވައި މަލާބާރީންގެ އަނިޔާވެރިކަމުން ދިވެހިރާއްޖެ މިންޖުކޮށްދެއްވިއެވެ. މާތްރަސްކަލާނގެއަށް ހަމްދުހުއްޓެވެ!

މައުލޫމާތު ނެގީ: ދިވެހި ތާރީހު، ބެލްފޮތް، تاريخ إسلام ديبا محل، މުލީގޭ ދޮން ހަސަން މަނިކުފާނުގެ ފަތްކޮޅެއް

******************

އެޑިޓަރުގެ ނޯޓް: މުހައްމަދު ނާޖިހް އަކީ ގާނޫނީ ވަކީލެކެވެ. މިހާރު މަސައްކަތް ކުރައްވަނީ ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް ގެ މަގާމުގަ އެވެ. އަމިއްލަ ގޮތުން ވެސް، ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރައްވައި އެ މައުލޫމާތު އެއްކުރައްވައި އެ ދާއިރާއިން ރައްޔިތުން ހޭލުންތެރިކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. މީގެ އިތުރުން އޭނާއަކީ، ދިވެހި ބަހުގެ ދިރާސާތައްވެސް ކުރައްވާ، ބަހަށް ހޭލުންތެރިކުރުވުމަށް ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އޭނާއަކީ ދިވެހި ބަހުގެ އެންމެ ބޮޑު މީސްމީޑިއާ ޕްލެޓްފޯމްކަމަށްވާ ބަސް ޖަގަހައިގެ ވެސް އެއް ފައުންޑަރ މެންބަރެވެ.