ޕޮލިސް ބޯޑަށް އާއްމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުކަމަށް، ކުރިމަތިލި ހަ ބޭފުޅެއްގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުއްވައިފިއެވެ.
އެ ބޯޑުގެ މެންބަރުކަމަށް ކުރިމަތި ލުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހުޅުވައިލި ފުރުސަތުގައި، އެކަމަށް ކުރިމަތިލެއްވި ހަ ބޭފުޅުންގެ ނަން، ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި އިއުލާންކޮށްދެއްވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދެވެ.
- އިބްރާހމް ތައުފީގު މޫނިސް މއ. ރިހިވިލާގެ
- މުހައްމަދު އިމްރާން ޝަރީފް މ. ތަންތަރާ
- ޝަފާ ޝަރީފް ސ. ހުޅުދޫ ދެތަނޑިމާގެ
- އަހުމަދު އުސެއިދު ހަސަން ގދ. ހޯޑެއްދޫ ލަކީ ސްޓާ
- އައިޝަތު ރަޝީދު ސ. ފޭދޫ ކޮކާގެ
- ހައްވާ ރީނާ ހަސަން މ ދިއްގަލި
އެނަންތައް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުއްވުމަށްފަހު މަޖިލިސް ރައީސް ވިދާޅުވީ، ޕޮލިސް ބޯޑުގައި އާއްމުންގެ ފަރާތުން ހިމެނެން ޖެހޭ ދެ މެންބަރުންގެ ތެރެއިން އެކަކު މިހާރު ބޯޑަށް އައްޔަން ކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ކޮމިޓީއަށް ދެވަނަ ބޭފުޅަކު އައްޔަންކުރުން އަވަސްކުރަން ޖެހޭތީ، ކޮމިޓީއަށް ފޮނުއްވި ހަ ބޭފުޅުންގެ ނަން ވީހާ އަވަހަކަށް ދިރާސާކޮށް ނިންމަވައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އާއްމުންގެ ފަރާތުން މަޖިލީހަށް ދެ މެންބަރުން އައްޔަންކުރަން ޖެހޭއިރު އެއް މެންބަރެއްގެ ގޮތުގައި އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލްޣަފޫރުގެ ނަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
ޕޮލިސް ބޯޑަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުން އުފައްދަން ޖެހޭ ބޯޑެކެވެ. ފުލުހުންގެ ހިދުމަތުގެ ބިލުގައި ބުނެފައިވަނީ، ޕޮލިސް ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަން ކުރުމުގައި އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަން ޖެހޭ އެންމެހައި ކަންތައްތައް ކުރުމަށާއި އެ ގާނޫނުގެ 76 ވަނަ މާއްދާގައި ބަޔާން ކުރާ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި އެ ގާނޫނުގެ ދަށުން ލަފާ ދޭން ޖެހޭ ކަންކަމުގައި ވަޒީރަށާއި ގާނޫނުގައި ލަފާ ދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާ ދިނުމަށް "ޕޮލިސް ބޯޑު"ގެ ނަމުގައި ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަން ވާނެ ކަމަށެވެ.
އެ ހަތް މެންބަރުންގެ ތެރެއިން ދެ މެންބަރުންނަކީ އާންމުކޮށް ހުޅުވާލައިގެން އާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވާ ދެ މެންބަރުންނަަށް ވާން ވާނެ ކަމަަށް ވެސް ގާނޫނުގައި ބުނެފައިވެ އެވެ. އެ ދެ މެންބަރުން އައްޔަން ކުރުމަށް އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ވެސް ބުނެފައިވެ އެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް