އަންނަ މަހު އޮންނަ އޭލެވެލް އިމްތިހާނުގައި ބައިވެރިނުވެ އޮކްޓޯބަރު/ނޮވެމްބަރު މަހު އޮންނަ އިމްތިހާނުގައި ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން ދީފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި އަހަރުގެ އޭޕްރީލް/މޭ ގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭލެވެލް އަދި އޭއެސް ލެވެލް އިމްތިހާނުގައި ބައިވެރިވާން އެދިފައިވާ ގްރޭޑް 12 ގެ ދަރިވަރުންނަށް އެކުދިން ބޭނުން ނަމަ އެޕްލިކޭޝަން ވިތުޑްރޯ ކުރުމުގެ ފުރުސަތު މިހާރު އޮންނާނެ ކަމަށާއި އަދި އޮކްޓޯބަރު/ ނޮވެމްބަރުގައި އޮންނަ އޭލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

ވިތުޑްރޯ ކުރެވޭނީ ހަމައެކަނި އައިއޭއެލްގެ މާއްދާތައް ކަން ފާހަގަކޮށް އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެޗްއެސްސީ އިމްތިހާނު ހަދާ ދަރިވަރުންނަށް އެ އިމްތިހާނު މިހާރު ތާވަލުކޮށްފައިވާ ގޮތަށް ކުރިއަށް ދާނެ ކަމަށެވެ. އަދި އައިއޭއެލްގެ މާއްދާތައް ވިތުޑްރޯ ކުރާ ދަރިވަރުންނަށް ސުކޫލް ނަމުގައި އަލުން ބައިވެރިވެވޭނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ވިތުޑްރޯ ކުރުމަށް ބޭނުންވާ ދަރިވަރުން މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ސުކޫލް މެދުވެރިކޮށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނަސްއަށް އެންގުމަށް ވަނީ އެދިފަ އެވެ.

އެހެންނަމަވެސް ގަދަ 10 އަކާއި ސްކޮލަޝިޕް ދިނުމުގައި ބަލާނީ އޭޕްރީލް/މޭ ގެ އިމްތިހާނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.