ކ. ހުރާ އިން މިއަދު 18 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހުރާ އިން ކޮވިޑްގެ ކޭސްއެއް ފެނިފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެއީ ބަލިވެގެން މާލެ ގެނައި 72 އަހަރުގެ ފިރިހެނެކެވެ. އެއާއެކު އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް، ކޮންޓެކްޓު ޓްރޭސިން ހެދުމަށްފަހު ގިނަ އަދަދެއްގެ މީހުންގެ ސާމްޕަލް ވަނީ ނަގައިފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު އެކަނިވެސް އެރަށުން 18 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު އެރަށުން މިހާތަނަށް ވަނީ 52 މީހަކު ޕޮޒިޓިވްވެފައެވެ.

އިއްޔެވެސް އެރަށުން ހަ މީހަކު ޕޮޒިޓިވްވެފައިވާ އިރު، އެންމެ ގިނަ މީހުން އެރަށުން ޕޮޒިޓިވްވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެދުވަހު އެރަށުން 26 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ހުރާ ސިއްހީ މަރުކަޒުން ބުނީ ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓުވީ މީހުންގެ ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށާއި އެގޮތުން 250 އަށްވުރެ ގިނަ މީހުންގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ.