ގަނާ ކުރުމުގެ ކަންކަމުގެ އިތުރުން ނަސްލީ ތަފާތުކުރުންތަކާ ހެދި ފްރާންސް އަދި އާސެނަލްގެ ފުޓުބޯޅަ ލެޖެންޑް ތިއަރީ އޮންރީ މީސް މީޑިއާގެ ހުރިހާ މަންސަތަކާ ދުރަށް ޖެހިލައިފިއެވެ.

އުމުރުން 43 އަހަރުގެ އޮންރީ ޓުވިޓާގައި އޭނާއަށް ފޮލޯކުރާ 2.3 މިލިއަން މީހުންނަށް ދޫކޮށްލި މެސެޖެއްގައި ބުނެފައި ވަނީ ނަސްލީ ގޮތުން ދިމާކުރުމާއި، ގަނާ ކުރުމުގެ ކަންކަން އަޅާނުލައި ދޫކޮށްލުމަށްވުރެ މާ ގޯސް ކަމަށެވެ. އޮންރީ ބުނެފައި ވަނީ މީސް މީޑިއާގައި އެފަދަ ދިމާކުރުންތައް ބަލައި، ރެގިއުލޭޓް ކުރުމުގެ އުސޫލުތަކެއް މީސް މީޑިއާ ކުންފުނިތަކުން އެކުލަވައިލުމުން ނޫނީ ދެން މީސް މީޑިއާ މަންސަތައް ބޭނުން ނުކުރާނެ ކަމަށެވެ.

އޮންރީ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެކައުންޓްތައް ހަދައި، މީހުންނާ ދިމާ ކުރުމަކީ މިހާރު މާ ބޮޑަށްވެސް ފަސޭހަ ކަމެއް ކަމަށާއި މީހުންނަށް ނަފްސާނީ ގޮތުން ދިމާކޮށް، ނަފްސާނީ ގެއްލުންތައް ދިނުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ދުނިޔޭގެ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ވަރުގަދަ ލެޖެންޑެއް ކަމަށްވާ އޮންރީ ވަނީ 1999 ވަނަ އަހަރާއި، 2007 ވަނަ އަހަރުވެސް އާސެނަލްއާއެކު އިނގިރޭސި ލީގު ކާމިޔާބުކޮށްފައެވެ. ފްރާންސާއެކު ވޯލްޑް ކަޕްގެ ފައިނަލްވެސް ކުޅެފައިވާ އޮންރީ ކޯޗިން ދާއިރާއަށްވެސް ނުކުމެ، އޭނާއަކީ މިހާރު އެނަލިސްޓެއްގެ ގޮތުގައިވެސް މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ.

މިދިޔަ އަހަރުން ފެށިގެންވެސް ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް އޮންރީ އަޑު އުފުލަމުން އަންނަ އިރު، ސެޕްޓެންބަރު މަހު އޭނާ ވަނީ މީސް މީޑިއާގައި ހާއްސަ ކެމްޕޭނެއްވެސް ކުރިއަށް ގެންގޮސް، ގަނާކުރުމުގެ ކަންކަމާ ދެކޮޅަށް އަޑު އުފުލައިފައެވެ.