ޖިންސީ ކުށުގެ ސީރިއަސް ތުހުމަތުތަކެއްކޮށް، ދައުވާ އުފުލާފައިވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލައިގައި މިހާރު ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް ކުރާ ގޮތަކުން އޭނާއަށް ޖެހި ވަޑައިގަންނަވާނީ ރާއްޖެ ވަޑައިގަންނަވަން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީ ގެ ފަށާއިރު ޕްރޮގްރާމްގައި މިއަދު ވާހަކަ ދައްކަވަމުން ޝަމީމު ވިދާޅުވީ، އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ދެ އަމުރެއް ނެރެފައިވާ ކަމަށެވެ.

އޭގެ ތެެރިން އެއް އަމުރަކީ، މިދިޔަ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހު ނެރެފައިވާ އަމުރެއް ކަމަށާއި ދެވަނަ އަމުރަކީ 10 ވަނަ ދުވަހު ނެރެފައިވާ އަމުރެއް ކަމަށެވެ.

އަލީވަހީދު ފުރާފައިވާ ކަމަށް ވަނީ ނުވަ ވަނަ ދުވަހުގެ ރެއެވެ. އެއީ ކުރިމިނަލް ކޯޓުގެ އަމުރާ ގުޅިގެން އިމިގްރޭޝަނުން ފާސްޕޯޓް ދޫކޮށްލުމުންނެވެ.

ޝަމީމު ވިދާޅުވީ އެބޭފުޅުންގެ އަތުގައި އޮތީ 10 ވަނަ ދުވަހު ނެރުނު އަމުރު ކަމަށާއި، އެ އަމުރު ހައިކޯޓަށް އެޕީލަށް ހުށަހެޅުމުން ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މައްސަލަ ބަލައިގަންނަން ނިންމާފައިވާ ކަމަށެވެ.

"ހައިކޯޓަށް އެޕީލަށް އަޅުގަނޑުމެން ހުށަހެޅީ، ހުށަހެޅީމަ ހައިކޯޓުން ފުރަތަމަ ރަޖިސްޓްރާ ނިންމެވީ ބަަލައި ނުގަންނަން، ރަޖިސްޓްރާ ދުވަސް ގުނިގޮތް ކަމަކު ނުދޭ، ދެން އަލުން ހުށަހެޅީމަ ފަނޑިޔާރުން ބުނީ ރަޖިސްޓްރާ ދުވަސް ގުނި ގޮތް ގޯހޭ އެހެންވީމަ މީ ބަލަން ޖެހޭ މައްސަލައެކޭ،"

ޝަމީމް ވިދާޅުވީ، އެހެންކަމުން އެއީ ހަތް ދަވަހުގެ ތެރޭގައި ނިންމަން ޖެހޭ މައްސަލައަކަށް ވާތީ މިފެށޭ ހަފުތާގައި މައްސަލަ ކުރިއަށްދާނެ ކަމަށެވެ.

ޝަމީމު އިތުރަށް ވިދާޅުވީ، އެ މައްސަލަ ކުރިއަށް ދިޔައީމަ ދެން ވާނެ ގޮތަކީ "ކޮންމެ ގޮތެއް ވިޔަސް މީގައި ދެ އަމުރެ އޮތްކަން އެނގޭ އެއްގޮތަކަށްވެސް ކޯޓުތަކުން ކުރާ ކަމެއް ނޫން އެއް މަސަލައެއްގައި ދެ އަމުރު ނެރުމަކީ، މި ދެ އަމުރު ނެރެފަ އޮތީމަ ޔަގީނުންވެސް މީތި ގޯސް ވާނެ، ދެން ހައިކޯޓަކަށް އަޅުގަނޑަކަށް ނުވިސްނޭ އެ ރަނގަޅު ވާނީ ކިހިނެއްކަމެއް ބުނެވޭނެ ސަަބަބެއް، ގޮތެއް އޮންނާނެއެކޭ ދެން ހައިކޯޓުން ނިންމަވަން ޖެހިވަޑައިގަންނަވާނީ އެ އަމުރު ގޯސްކަމަށް، ގޯސްވެއްޖެއްޔާ ދެން އޮނާނީ، ޕާސްޕޯޓް ހިފަހައްޓަން ކުރި އަމުރު ދެމި އޮންނާނެ ކަމަށް،" ކަމަށެވެ

އެ ހިސާބުން އަލީ ވަހީދުގެ ޕާސްޕޯޓް ކެންސަލް ވާނެ ކަމަށައި، ދެން ޖެހެނީ އަލީ ވަހީދު ހުންނެވިތާކުން ޓްރެވަލް ޑޮކިއުމެންތެއް ހައްދަވަން ކަމަށާއި، އެއިން ހަމައެކަނި ދަތުރު ކުރެވޭނީ ރާއްޖެއަށް ކަމަށްވެސް ވިދާޅުވިއެވެ.

"ދެން އޮންނާނެ ގޮތަކީ އެބޭފުޅާ ހުންނެވި ތަނަކުން އެސައިލަމް ހޯއްދެވުން އަޅުގަނޑަށް ހީވަނީ މި ހުށަހެޅިފައި ހުރި ތުހުމަތުތަކަށް ބަލާއިރު ފަސޭހަ ކަމަށް ނުވާނެހެން އެކަހަލަ ކަމެއް (އެސއިލަމް) ހޯއްދަވަން،" ޝަމީމު ވިދާޅުވިއެވެ.