ދިވެހި އަސްކަރިއްޔާގެ އަސްކަރީ ގާބިލުކަން އިތުރު ކުރުމަށް އެހީތެރިވެދިނުމުގައި އެމެރިކާގެ އަސްކަރިއްޔާ ދެމި އޮންނާނެ ކަމުގައި އެ ގައުމުގެ އަސްކަރިއްޔާއިން ބުނެފި އެވެ.

މިކަން އާންމުކޮށްފައި ވަނީ ޔޫއެސް އާމީ ޕެސިފިކްގެ ޑެޕިއުޓީ ކޮމާންޑިން ޖެނެރަލް، މޭޖާ ޖެނެރަލް މެކް ޑެނިއެލް، މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްގެ އަރިހަށް މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ދެއްވި މެންޓޯގަ އެވެ.

މި މެންޓޯގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ދިވެހި އަސްކަރިއްޔާގެ، އަސްކަރީ ގާބިލުކަން އިތުރު ކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް މެކް ޑެނެލް ވަނީ ތައުރީފު ކުރައްވާފަ އެވެ. އަދި އެމެރިކާގެ އަސްކަރިއްޔާ، ރާއްޖޭގެ އަސްކަރިއްޔާއާއެކުގައި ދެމިއޮތްކަން އޭނާ ވަނީ ހާމަކޮށްފަ އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި އެމެރިކާގެ ޑިފެންސް ޑެޕިއުޓީ އަންޑާ ސެކެރެޓަރީ އޮފް ޑިފެންސް ރީޑް ވާނާ، އެމެރިކާގެ ފިލަޑެލްފިއާގައި 2019 ވަނަ އަހަރު ސޮއިކުރި ޑިފެންސް ފްރޭމްވޯކް އެގްރީމެންޓާއި ގުޅިގެން އެމްއެންޑީއެފް އޭރިއާ ތަކަށާއި އެމްއެންޑީއެފުން ހިންގާ ހާއްސަ އޮޕަރޭޝަންތަކުގެ އިތުރުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތަކުގެ އެހީތެރިކަން އެމެރިކާގެ އަސްކަރިއްޔާއިން އަންނަނީ ފޯރުކޮށްދެމުންނެވެ. ފާއިތުވި ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި ދިވެހި އަސްކަރިއްޔާއާއި އެމެރިކާގެ އަސްކަރިއްޔާއާ ދެމެދު އޮތް ގުޅުން އިހުނަށްވުރެ ބޮޑަށް ބަދަހި ވެފައިވާކަން މޭޖާ ޖެނެރަލް ޝަމާލް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އެގޮތުން އެމެރިކާ ސެކިއުރިޓީ ފޯސެސް ބްރިގޭޑް "އެސްއެފްބީއޭ" ގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ މާފިލާފުށީގައި "ބްލެކް މާލިން" ނަމުގައި އެއް މަސްދުވަހުގެ ތަމްރީނުތަކެއް މިމަހުގެ އެއް ވަނަ ދުވަހު ފެށިގެން މިހާރުވެސް ކުރިއަށް ދާ ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެމެރިކާގެ އަސްކަރިއްޔާގެ މަތީ ފަންތީގެ ވަފުދުތައް ރާއްޖެ ޒިޔާރަތް ކުރައްވާފައިވާއިރު، 2019 ވަނަ އަހަރު ޖެނުއަރީ މަހު، އެމެރިކާގެ އެސިސްޓެންސް ސެކެރެޓަރީ އޮފް ޑިފެންސް ރެންޑަލް ޝްރައިވާ އަދި އެމެރިކާގެ އެކްޓިން އަންޑާ ސެކެރެޓަރީ އޮފް ޑިފެންސް ފޯ ޕޮލިސީ އެންތަނީ ޓާޓާ މިއަހަރު ޖެނުއަރީ މަހު ރާއްޖެ ޒިޔާރަތް ކުރައްވައި ދެ ގައުމުގެ މެދުގައި ޑިފެންސް އެންޑް ސެކިއުރިޓީ ޑައިލޮގް ނަމުގައި މަޝްވަރާތަކެއް ވަނީ ބާއްވާފަ އެވެ. ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ޔޫއެސް އާމީ ފެސިފިކްގެ ޑެޕިއުޓީ ކޮމާންޑަރު މޭޖާ ޖެނެރަލް ޑެނިއަލް އެފް މެކްޑެނިއަލް ރާއްޖެ ވަޑައިގަންނަވާފައިވާއިރު އެމެރިކާގެ ސްޕެޝަލް އޮޕަރޭޝަން ކޮމާންޑްގެ ކޮމާންޑާ ބްރިގޭޑިއާ ޖެނެރަލް ރުޑް ވެސް ވަނީ ރާއްޖެ ވަޑައިގަންނަވާފަ އެވެ. އަދި އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އަސްކަރިއްޔާގައި ބޭނުންކުރާ އަސްކަރީ ބައެއް އާލާތްތަކާއި ވަސީލަތްތައް އެމްއެންޑީއެފަށް ހަދިޔާ ކުރައްވާފައެވެ.

ކޮވިޑް-19 ގެ ޕެންޑެމިކްގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ގިނަގުނަ އެހީތެރިކަން ދިވެހިރާއްޖެއަށް ފޯރުކޮށްދީފަ އެވެ.